26 Feb 2019, 15:49
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޯރަމް ހަމަނުވުމުގެ ސަބަބުން މުހިންމު ދެ ބިލަކަށް ވޯޓަށް އެހިފައި ނުވާ އިރު، މިއަދުގެ ޖަލްސާއަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ 11 މެމްބަރަކު ހާޒިރު ނުވާކަން ހާމަވެއްޖެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން ތާވަލު ކުރީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހާއި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ދެ ކޮމިޝަނަށް ބާރުދޭ ބިލަށެވެ. އެހެން ނަމަވެސް، ކޯރަމް ހަމަނުވުމުގެ ސަަބަބުން އެ ދެ ބިލަށް ވަނީ ވޯޓަށް ނޭހިފަ އެވެ. މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވީ 37 މެމްބަރުންނެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަނުގައި ހެމެނޭ 11 މެމްބަރަކު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށެވެ.
އޭނާ ހާމަ ކުރެއްވި ގޮތުގައި މިއަދު މަޖިލީހަށް ހާޒިރުވެވަޑައިނުގަތީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ އިތުރުން ޖޭޕީއަށް ނިސްބަތްވާ 10 މެމްބަރެކެވެ.
މިއަދު މަޖިލީހަށް ވަޑައިނުގަތް ޖޭޕީގެ މެމްބަރުންނަކީ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީނާއި ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަން އާއި ކަނޑިތީމް ދާއިރާގެ މެންބަރު މުހައްމަދު ހުސެއިނާއި މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސެއިން އަދި މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފަހުމީ އެވެ.
މިއަދުގެ ޖަލްސާގައި ވެސް ވޯޓަށް އެހިފައި ނުވާ އިރު މިއީ ބިލަށް ވޯޓަށް ނޭހުނު ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ފަހަރު ވޯޓަށް އަހަން މަސައްކަތް ކުރީ މިދިޔަ އަހަރުގެ ޖަލްސާތައް ނިންމާލުމުގެ ކުރިންނެވެ. ނަމަވެސް، އެފަހަރުވެސް ކޯރަމް ހަމަނުވެގެން ވޯޓަށް އެހޭ ގޮތް ވަނީ ނުވެފަ އެވެ.
އޭގެ ފަހުން އިއްޔެގެ ޖަލްސާގައި ވެސް ބިލަށް ވޯޓަށް އެހުމަށް ތާވަލު ކުރި ނަމަވެސް، ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ވޯޓަށް ނޭހިފަ އެވެ. އިއްޔެ މަޖިލީހަށް ހާޒިރުވީ 42 މެމްބަރުންނެވެ.