އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، މަސްވެރިކަން ކުރަން އުޅުނު ދިވެހި މަސްބޯޓުގައި ބިދޭސިން ތިބި ކަމަށާއި އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަސްބޯޓުގައި އަށް ބިދޭސީއަކު ތިބި ކަމަށާއި އެމްއެންޑީއެފް އިން މިހާރު އެ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

އިންޑިއާ ކަނޑުގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަން އުޅެނިކޮށް އަތުލައިގަނެފައި ވަނީ "ވީވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯނީގައި ތިބި މީހުންގެ ޝަހުސު ޔަގީންކުރުމަށް އެމްއެންޑީއެފާ އެކު އިމިގްރޭޝަނުގެ ޓީމެއް އެ ދޯންޏަށް ގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

"މި ޓީމުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި މީގެ ތެރެއިން ދެ ބިދޭސީއަކީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ ބިދޭސީންނެވެ. އަދި އަނެއް ހަ ބިދޭސިންނަކީވެސް އިމިގްރޭޝަނުގެ ގާނޫނާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ ބިދޭސިންނެވެ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އިމިގްރޭޝަނުން ބުނީ މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށާއި މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވާ އެފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މިފަހަކަށް އައިސް މަސްދޯނިތަކުގައި ބިދޭސިން އުޅޭކަން ފާހަގަވެފައިވާ ކަމަށާއި މިއީ އިމިގްރޭޝަނުގެ ގާނޫނާ ހިލާފު ކަމެއްކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ވީވަރު ނަމަކަށް ކިޔާ ދޯނި އިންޑިއާގެ ނޭވީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އޭރު ދޯނީގައި 12 މީހުން ތިއްބެވެ. ދޯނި އަތުލައިގަނެފައިވަނީ ލަކްޝަދީޕްގެ ސުހޭލީ އަތޮޅުން މަސްވެރިކަން ކުރަން ތިއްބައެވެ.