ތިން ގައުމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

މިއަދު މަޖިލީހުން ރުހުން ދިން ތިން ސަފީރުންނަކީ ސައުދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ޚަލީލް، ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ޖިނާހު، އަދި ޗައިނާގައި ހުންނަވާ ދިވެހި ސަފީރަކަށް އައިޝަތު އަޒީމާ އެވެ.

އެ ތިން ބޭފުޅުންނަށް ވެސް ރުހުން ލިބިވަޑައިގެންނެވީ މިއަދު ވޯޓުލެއްވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދު ރުހުން ދިން ތިން ބޭފުޅުންގެ ތެރެއިން ޚަލީލް އާއި ޖިނާހުއަށް ރުހުން ނުދޭން މީގެ ކުރިން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކުރި ނަމަވެސް އެ ދެ ސަފީރުންނަށް ވެސް ރުހުން ދިނުމަށް ފަހުން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ރުހުން ދިން ތިން ސަފީރުންގެ ތެރެއިން ޚަލީލަކީ ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަރު ކަމުގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑު މެމްބަރުކަން ކުރައްވާފައި ހުރި ބޭފުޅެކެވެ.

ޖިނާހު އަކީ، ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން އަމިއްލަ ކުންފުންޏެއް ކަމަށްވާ ގްރީން ޕެރަޑައިސް ގްރޫޕްގެ ޖެނެރަލް މެނޭޖަރުކަން އޭނާ ކުރެއްވި އެވެ. އަދި އެހެން ބައެއް އަމިއްލަ ކުންފިނަތަކުގައިވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

އަޒީމާ އަކީ މީގެ ކުރިން އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ފަސްޓް ސެކްރެޓަރީކަން ކުރެއްވި ބޭކަނބަލެކެވެ. އަދި އޭނާ ވަނީ ފޮރިން މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.

މީގެ ކުރިން މަޖިލީހުން ވަނީ އަށް ސަފީރަކަށް ރުހުން ދީފަ އެވެ. އެ ބޭފުޅުންނަކީ:

  1. ބެލްޖިއަމް އަދި އީޔޫއަށް ކަނޑައަޅާ ސަފީރުކަމަށް ހަސަން ސޯބިރު

  2. އިންޑިއާއަށް ކަނޑައަޅާ ސަފީރުކަމަށް އާއިޝަތު މުހައްމަދު ދީދީ
  3. ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް ޑރ. އަބްދުﷲ މައުސޫމް
  4. ޖަރުމަނު ސަފީރުކަމަށް އަހްމަދު ލަތީފް (ސީވީޑް ލަތީފް)
  5. އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޑރ. ފަރަހަނާޒް ފައިސަލް
  6. އެމެރިކާއާއި އދ.އަށް ކަނޑައަޅާ ސަފީރުކަމަށް ތިލްމީޒާ ހުސައިން
  7. މެލޭޝިއާއަށް ކަނޑައަޅާ ސަފީރުކަމަށް ވިސާމް އަލީ
  8. ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމަށް އުމަރު އަބްދުއްރައްޒާގު