ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ކޯރަމް ހަމަ ނުވެގެން ފާހެއް ނުކުރެވުނު އެވެ.

އެ އިސްލާހަށް ވޯޓަށް އަހަން މިހާރު ތިން ދުވަހު ތާވަލުކޮށްފި އެވެ. އެކަމަކު އެއްވެސް ދުވަހަކު 43 މެމްބަރުން ހަމަ ނުވާތީ ވޯޓަކަށް ނޭހެ އެވެ. މިއަދު ވޯޓަށް އެހި ގަޑީގައި މަޖިލީހަށް ހާޒިރުވީ 37 މެމްބަރުންނެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ފަސް ދޮޅަސް ދުވަހުގެ ތެރޭގައި އެ ވައުދު ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން މަޖިލީހަށް ހާޒިރު ނުވާތީ އެކަން ކުރެވޭ ގޮތެއް ނުވެ އެވެ.

މިއަދު ވޯޓަށް އަހަން ތާވަލު ކުރި އެހެން ބިލުތަކުގެ ތެރޭގައި ރައީސް އުފައްދަވާފައިވާ ހިޔާނާތާއި މަރުތަކުގެ މައްސަލައްތައް ބަލާ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލު ވެސް ހިމެނެ އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ވަނީ އިތުރު ސުރުހީއެއްގެ ދަށުން މާއްދާތަކެއް އިތުރުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.

އޭގެ އިތުރުން ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ ވަކި އަދަދަކަށް ފައިސާ ޕެންޝަން އެކައުންޓުގައި ހުންނަ ފަރާތްތަކަށް ކަމަށް ވެސް ޕެންޝަން ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.

އެ ފަރާތަކީ ޕެންޝަން ލިބޭ އުމުރު ހަމަވާ އިރު މަހަކު 2،000 ރުފިޔާ، މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ހައްޖުވުމަށް ހުށަހަޅާ ރިޓަޔަމެންޓް ސޭވިންގް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށް ވާން ޖެހޭ ކަމަށް އިސްލާހުގައިވެ އެވެ.

ހައްޖުވުމަށް ފައިސާ ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ ދެބައިކުޅަ އެއްބައި (50 ޕަސަންޓު) ކަމަށް ވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެ އެވެ.

ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްގެން އަހަރަކު ހައްޖަށް ދެވޭނީ ކިތައް މީހުންނަށްކަން ކަނޑައަޅާނީ ޕެންޝަން އޮފީހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.