26 Feb 2019, 12:39
ރަށްރަށާއި ފަޅުތައް ފަދަ ގުދުރަތީ ވަސީލަތްތައް އިގްތިސާދީ ބޭނުމަށް ދޫކުރާ އިރު އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި އިމްރާން ވިދާޅުވީ، ދިވެހިންނަކީ ޒަމާނުއްސުރެ ކަންކަން ލާމަރުކަޒީކޮށް ހިންގަމުން އައި ބައެއް ކަމަށެވެ.
"ދިވެހިންނަކީ ދެހާހެއްހާ އަހަރުގެ ތާރީހެއް އޮތް ބަޔަކަށްވީހިނދު، އަދި މި ރާއްޖޭގައި ލިޔެވިފައި އޮތް ގާތްގަނޑަކަށް ހާހެއްހާ އަހަރުގެ ތާރީހެއް އޮތް އިރު، ފެންނާން އޮތް ހަގީގަތަކީ، ޒަމާނުއްސުރެ އަޅުގަނޑުމެން ދިވެހިންނަކީ ދިވެހީންގެ ކަންކަން ލާމަރުކަޒުކޮށް ހަމަޖައްސަމުން އައި ބައެއްކަން. އެއިރު އެޒަމާނުގެ ޙާލަތާ އެކަށީގެންވާ ގޮތަށް ލިބެން ހުރި ހިދުމަތްތަކާއި ވަސީލަތްތައް ބޭނުންކޮށްގެން އެރަށެއްގެ ނުވަތަ އެއަތޮޅެއްގެ ކަންކަން ހަމަޖައްސަމުން އައީ އެއަތޮޅެއްގެ ރައްޔިތުން އަމިއްލަޔަށްކަން."
ސަރުކާރު ސެންޓްރަލައިޒްކޮށް ހިންގުމުގެ ނަތީޖާއަކީ، އޭގެ ފަހުން ތަރައްގީ ކުރެވުނު ހުރިހާ ހިދުމަތްތަކެއް މާލެ ސަރަހައްދަށް ޖަމާވެ، އެ ހިދުމަތްތަކުގެ ފަހަތުން ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް މާލެ ސަރަހައްދަށް ހިޖުރަކުރަން ޖެހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރަށްތަކުގެ ކުރިއެރުމާއި ތަރައްގީ މަޑުޖެހި ރަށްތައް ފަޅުވާން ފަށައި، މާލޭގެ ބިމުގެ ޖާގަ އާއި ގާއިމުކުރެވިފައި ހުރި ވަސީލަތްތަކަށް ނުކަތާވަރުގެ އާބާދީއެއް އޮތުމުގެ ސަބަބުން މާލޭގެ ދިރިއުޅުމަކީ ވޭނަކަށް ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. ޒަމާނުއްސުރެ ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެކަކުއަނެކަކަށް އަޅާލުމާއި ރަށްރަށުގެ އާންމު ހިދުމަތްތަކާއި އިޖުތިމާއި ކަންކަން އަމިއްލަޔަށް ހަމަޖެއްސުމުގެ ރޫހު ވެސް ނެތިގެން ގޮސްފައިވާ ކަަމަށް އިމްރާން ވިދާޅުވި އެވެ.
"ލާމަރުކަޒީ ގާނޫނު އަލުން އިސްލާހުވެގެން އަންނަ އިރު އަންނަން ޖެހޭ އެންމެ މުހިންމު އެއް ކުރިއެރުމަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވާނެ ސާފުސާދާ މަގެއް ހޯދުން. މައި ސަރުކާރަށް ބަރޯސާނުވެ ރަށްރަށާއި އަތޮޅުތައް ހިންގުމަށް ހިނގާ ހަރަދާއި އާންމު ހިދުމަތްތައް ދިނުމަށް ޓަކައި ހިނގާ ހަރަދަށް ވުރެ މަދު ނުވާނެ އާމްދަނީއެއް ލިބޭނެ ގޮތެއް ސާފުކޮށް ފެންނާން އޮތުން،"
އޭގެ އިތުރުން، ރަށްރަށާއި ފަޅުފަޅާއި އެހެނިހެން ވަސީލަތްތައް އިގުތިސާދީ ބޭނުމަށް ދޫކުރާ އިރު ރައްޔިތުންގެ ލަފާ ހޯދުމަކީ ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އިމްރާން ވިދާޅުވި އެވެ.
"މުޅި ރައްޖޭގެ ގުދުރަތީ މުއްސަނދިކަން ނެތިގެން ނުދާނެހެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި ގުދުރަތީ މުއްސަނދިކަމުގެ މަންފާ އެންމެނަށް އިންސާފުވެރި އުސޫލަކުން ބެހިގެންދިއުމަށް ޓަކައި، ރަށްރަށާއި ފަޅުފަޅާއި އެހެނިހެން ވަސީލަތްތައް އިގްތިސާދީ ބޭނުމަށް ދޫކޮށްލެވޭ ހިނދު އެކަށީގެންވާ މިންވަރަކަށް ރައްޔިތުންގެ ހިޔާލު ހޯދިގެން ރައްޔިތުންނަށް އޭގެ މަންފާކުރާނެހެން އެކަންކުރެވޭނެ ގޮތެއް ހޯދުމަކީ ވެސް ކުރާންޖެހިފައި އޮތް މުހިންމު މަސައްކަތެއް،"
އިމްރާން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ނިންމެވުންތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ކުރިން ސަރުކާރުގައި ހިފަހައްޓާފައި ހުރި ލޯކަލް ކައުންސިލްތަކުގެ ބާރުތަކާއި ގާނޫނާ ހިލާފަށް ލޯކަލް ކައުންސިލްތަކާ މެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖާކޮށް އެކަންކަމަށް ހައްލެއް ހޯދުން ކަމަށެވެ.
"މިދެންނެވި މަފްހޫމުގައި ލާމަރުކަޒީ ޤާނޫނު އަލުން އިސްލާހުކޮށް، ލާމަރުކަޒީ ނިޒާމު އޭގެ ފުރިހަމަގޮތުގައި ހިންގުމަކީ މާތްﷲގެ ވާގިފުޅާ އެކު އަޅުގަނޑުމެން ކުރާނެކަމެއް. ރައްޔިތުންގެ ކަންކަމުގައި ބަސްބުނެ އެކަންކަމުގައި ފުރިހަމަޔަށް ބައިވެރިވުމަކީ އަޅުގަނޑުމެން ހޯދައިދޭނެ ފުރުސަތެއް،" ހިތާބު ނިންމަވާލައްވަމުން އިމްރާން ވިދާޅުވި އެވެ.