26 Feb 2019, 12:45
ސްކޮޓްލޭންޑުގެ އަންހެނަކު އޮސްޓްރޭލިއާ އިން އެނބުރި ގައުމަށް ކުރި 9،000 މޭލުގެ ދަތުރަށް ފަހު ހެދުން އަޅާފައިވާ ފޮށި ހުޅުވާލުމުން އޭނާ އަށް ފެނުނީ އޭނާ އެފޮށްޓަށް ނާޅާ، ދިރޭ އެއްޗެކެވެ. އެއީ ފޮށި ތެރޭ އޮތް ބޫޓެއްގައި ފިލާ އޮތް ހަރުފައެކެވެ.
ސްކޮޓްލޭންޑުގެ ޖަނަވާރު ރައްކާތެރިކުރާ ޖަމްއިއްޔާ އެސްޕީސީއޭ އިން ބުނި ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު މޮއިރާ ބޮކްސްއޯލްގެ ބޫޓު ތެރެއިން ފެނުނީ ސްޕޮޓެޑް ޕައިތަންއެކެވެ. އަދި އެއީ ވިހަލާ ހަރުފައެއް ނޫނެވެ.

މޮއިރާ ބޮކްސްއޯލްގެ ބޫޓު ތެރޭ އޮތް ހަރުފައި-- ފޮޓޯ: އެސްޕީސީއޭ
އެސްޕީސީއޭ އިން ބުނި ގޮތުގައި ހަރުފަ ފެނުމާ އެކު ބޮކްސްއޯލް އެމީހުންނަށް ގުޅި އެވެ. އަދި އެސްޕީސީއޭ އިން އޭނާގެ ގެޔަށް ދިޔަ އިރު ވެސް ހަރުފަ އޮތީ އެގޭގަ އެވެ.
"އޮސްޓްރޭލިއާގައި ޗުއްޓީ ހޭދަކޮށްފައި އައި އަންހެނެއްގެ ފޮށި ތެރޭ ހަރުފައެއް އޮތް ކަމަށް ރިޕޯޓު ކުރުމުން (އެގެޔަށް) ދިޔައީ. އަޅުގަނޑުމެން ބަލާލި އިރު އެއީ ސްޕޮޓެޑް ޕައިތަންއެއް. އަދި އެއީ ވިހަލާ ހަރުފައެއް ނޫން،" އެނިމަލް ރެސްކިއު އޮފިސަރު ޓޭލާ ޖޯންސްޓޯން ބުންޏެވެ.
ޖޯންސްޓޯން ބުނި ގޮތުގައި އެހަރުފައި މިހާރު އޮތީ އެސްޕީސީއޭގެ އެނިމަލް ރެސްކިއު އެންޑް ރީ ހޯމިން ސެންޓަރުގައި ކަރަންޓީނުކޮށްފަ އެވެ.
މީގެ ކުރިން 2012 ވަނަ އަހަރު، އިޖިޕްޓްއެޔާގެ ފްލައިޓަކަށް މީހަކު ސިއްރުން އެރުވި ހަރުފައެއް އެމީހާއަށް ހަމަލާ ދިނުމުން އެފްލައިޓު އެމާޖިންސީގައި ޖައްސަން ޖެހުނެވެ. އެ ހާދިސާގައި ހަރުފަ ހަމަލާ ދިން މީހާ ވަނީ އޭނާ އަށް އަނިޔާއެއް ނުވާ ކަމަށް ބުނެފަ އެވެ.