ދިވެހި މަސްވެރިންގެ ޖަމިއްޔާގެ އިސްނެގުމުގެ މަތިން މި އަހަރުގެ އަންހެނުންގެ ދުވަހާއި ގުޅުވިގެން އަންހެނުންނަށް ހާއްސަ މަސްވެރިކަމުގެ މުނާސަބަތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކަމަށް ވެފައި އެދުވަހުގެ ހާއްސަކަން ދިވެހި ވަންތަ ގޮތެއްގައި ކަނބަލުންނަށް ހިއްސާ ކުރުމުގެ ގޮތުން ދިވެހި މަސްވެރިންގެ ޖަމިއްޔާއިން އަންނަ މަހުގެ 10-8 ގައި ތަފާތު ހަރަކާތެއް ބޭއްވުމަށް ވަނީ ތައްޔާރު ވެފައެވެ.

އަންހެނުންނަށް ހާއްސަ މަސްވެރިކަން ކުރުމުގެ ހަރަކާތް އިސްތިހާރު ކުރުމުގެ ގޮތުން މަސްވެރިންގެ ޖަމިއްޔާއިން އިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް -- ފޮޓޯ/ ދިވެހި މަސްވެރިންގެ ޖަމިއްޔާ

މި ހަރަކާތަކީ އަންހެން ބޭފުޅުން ގޮވައިގެން ދެ ދުވަހުގެ މުއްދަތަކަށް މަސްވެރިކަން ކުރުމާއި މަސްބޭނުމަށްފަހު ދިވެހި ސަގާފީ ކާނާތައް މަސް ބޭނުން ކޮށްގެން އުފައްދާނެ ގޮތް ކިޔައިދިނުން ފަދަ ކަން ކަން ހިމެނޭ ގޮތައް ބާއްވާ ހަރަކާތެކެވެ.

މަސްވެރިންގެ ޖަމިއްޔާގެ ރައީސް އަހްމަދު ޝާފިއު "ސަން" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނެފައިވަނީ އަންހެނުންގެ ދުވަހާއި ގުޅިގެން ބާއްވާ މި ހަރަކާތުގެ މަގުސަދަކީ ދިވެހި މަސްވެރިކަން ދިވެހި ރާއްޖޭގައާއި ބޭރު ދުނިޔޭގައި އިސްތިހާރު ކުރުމުގެ އިތުރުން ދިވެހި ކަނބަލުންނަށް މަސްވެރިން ކުރާ މަސައްކަތް އަމިއްލަ އަތުން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އެގޮތުން ބޭރު ދުނިޔޭގައި ދިވެހި މަސްވެރިކަން އިސްތިހާރު ކުރުމާއި މި ގައުމުގެ ކަނބަލުންގެ ކުޅަދާނަކަން ދެއްކުމުގެ ގޮތުން އޮސްޓްރޭލިއާގެ ދެމަފިރިން މި ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވާނެ ކަމަށް ޝާފިއު ވަނީ ވިދާޅުވެފައެވެ.

"މި އިވެންޓް ކަވަރު ކުރުމަށާއި ތަޖުރިބާ ކުރުމަށް އިންޓަނޭޝަނަލް ކަޕުލެއް ގެނައުމަށް ވަނީ ހަމަޖެހިފައި. މި ކަޕުލް އަކީ އޮސްޓްރޭލިއާގެ ފިޝިންގް ކޮމިއުނިޓީގެ އިތުރުން އެގައުމުގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ދެ މީހުން. އެމީހުންގެ ބޭނުމަކީ ދިވެހި ރާއްޖޭގެ މަސްވެރިކަން ކުރާ ގޮތާއި ދިވެހި ކަނބަލުން މިކަމުގެ ތެރޭގައި ޝާމިލްވާގޮތުގެ އިތުރުން ދިވެހި އާދަކާދަތައް އެގައުމުގެ ތައުލީމީ ފޯރަމްތަކަށް ހިއްސާ ކުރުން،" ޝާފިއު ވިދާޅުވިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގއ. ގެމަނަފުށީގައެވެ. މިހަރަކާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ކަނބަލުންނަށްވެސް ސްޕޮންސާ ލިބުނު ވަރަކުން ފުރުސަތު ދެވިގެންދާނެ ކަމަށް މަސްވެރިންގެ ޖަމިއްޔާއިން ބުނެއެވެ.

"ހަރަކާތް ފެށޭނީ އިރާކޮޅު. އެންމެ ލަސްވެގެން ރޭގަނޑު 9 ޖަހަން ވާއިރަށް މަހަށްދާ ދޯނިތަކާއި އެކު ހުރިހާ އަންހެން ބޭފުޅުން ރަށަށް އަންނާނެ. ރަށަށް އައުމަށްފަހު އެދުވަހަކު ބާނާ މަސް ދިވެހި ވަންތަ ގޮތްގޮތައް ކައްކާ ކެއުން ވެސް އޮންނާނެ. އެގޮތުން ރިހާކުރު ކެއްކުމާއި މަސް ހިއްކުމުގެ އިތުރުން މަސް ބަންދުކޮށް ލޭބަލް ކުރާނެ ގޮތްތައް ވެސް ކިޔާދިނުމައް ޕްލޭން ހަދާފަ އިނީ،" މިހަރަކާތް ކުރިއަށްދާނެ ގޮތް ކިޔައިދެމުން ޝާފިއު ވިދާޅުވިއެވެ.

މަސްވެރިންގެ ޖަމިއްޔާއަކީ ފަންޑު ލިބޭ ޖަމިއްޔާއަކަށް ނުވުމުން މި ހަރަކާތް ހިންގުމައް ސްޕޮންސާޝިޕް ހޯދަމުންދާ ކަމަށާއި ސްޕޮންސާޝިޕް އިތުރުވި ވަރަކަށް މިހަރަކާތް ހިންގުމައް ފަސޭހަ ވުމުގެ އިތުރުން ގިނަ ބަޔަކަށް ފުރުސަތު ދެވިގެންދާނެ ކަމަށް ޝާފިއު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިފަދަ ހަރަކާތެއް ހިންގުމައް ވަރަށް ގިނަ އަންހެން ބޭފުޅުންގެ ފަރާތުން ރިކުއެސްޓްތައް ލިބެމުންދާ ކަމަށާއި މި ހަރަކާތް ހިންގުމަށް ގިނަ ތަރުހީބު ލެބުންދާ ކަމަށް ޝާފިއު ފާހަގަ ކުރެއްވިއެވެ.