މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައި ދިވެހީން ހުދުމުހުތާރު ވެރިކަމަކަށް ނޫނެކޭ ބުނެ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް އާނއެކޭ ބުނެފައިވާ ކަމަށާއި އާ ސަރުކާރުން އިންސާނީ ހައްގުތަކަށް ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު އެފަދައިން ވިދާޅުވީ ޖެނީވާގައި ހުންނަ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

"ރާއްޖޭގެ ރައްޔިތުން ވަނީ ހުދުމުހުތާރު ވެރިކަމަށް ނޫނެކޭ ބުނެ، ޑިމޮކްރަސީއަށާއި އިންސާނީ ހައްގުތަކަށާއި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އާނއެކޭ ބުނެފަ،" ޝާހިދު ވިދާޅުވިއެވެ.

އެބައްދަލުވުމުގައި މިނިސްޓަރު ވަނީ މިދިޔަ ނޮވެމްބަރު 17އިގައި ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖެއަށް ގެންނާނެ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ. އަދި މިސަރުކާރުގައި އިންސާނީ ހައްގުތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ނޫސްވެރިޔާ ޔާމީން ރަޝީދު މަރާލި މައްސަލައާއި އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގުކުރަން ރައީސް ސޯލިހު ވަނީ ހާއްސަ ކޮމިޝަނެއް އެކުލަވާލައްވާފައި ކަމާއި ކުރީގެ ސަރުކާރުން ގެނައި އަބުރުގެ ގާނޫނު މިހާރު އުވާލާފައިވާ ކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި އޭގެ ސަބަބުން ތަރައްގީވަމުން އަންނަ ކުދި ގައުމަތަކަށް ކުރާ ނޭދެވޭ އަސަރަށް އަލި އަޅުއްވާލައްވާފަ އެވެ. އަދި މިޔަންމާގައި ރޮހިންގާއިންގެ އިންސާނީ ހައްގުތަކަށް އަރިއިގަންނަ މައްސަލައާއި ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

މިނިސްޓަރު ޝާހިދުގެ ތަގުރީރު ނިންމަވާލެއްވީ ރާއްޖެއިން ޑިމޮކްރަސީ ދަމަހައްޓައި، އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.