26 Feb 2019, 10:39
އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލި 16 ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކުގެ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.
ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ، ކޮމިޝަނުގެ މެމްބަރު އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ މެމްބަރުކަމުގެ ދައުރު ހަމަވާތީ އެވެ. މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި 16 ބޭފުޅުންގެ ތެރޭ އިސްމާއިލް ހަބީބުވެސް ހިމެނެއެވެ.
ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލި 16 މީހުންގެ ވެސް ރައީސް ސޯލިހް މަޖިލީހަށް ފޮނުވީ، ކުރިމަތިލި ތަރުތީބުންނެވެ.
ހަބީބުގެ އިތުރުން 16 މީހުންގެ ތެރޭގައި ދައުލަތުގެ މީޑީއާ، ޕަބްލިކް ސާވިސް މޯލްޑިވްގެ ކުރީގެ ބޯޑު މެމްބަރު އައިޝަތު ހަފީޒާވެސް ވަނީ ކުރިމަތިލާފައެވެ. މީގެ އިތުރުން ބައެއް ގާނޫނީ ވަކީލުންނާއި ކޮމިޝަންގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންވެސް ހިމެނެއެވެ.
އީސީގެ މެމްބަރުކަމަށް ކުރިމަތިލި 16 މީހުން (ކުރިމަތިލި ތަރުތީބުން):
1- ޝުއައިބު ޔޫސުފް، ދަފްތަރު ނަންބަރު 1896
2- އަބްދުﷲ ރާޒީ، ކޯޒީ، ޏ. ފުވައްމުލައް
3- އަހުމަދު އަދީން، މ. ރަބީއީގެ
4- އަހުމަދު އަލީ، ނޮވެމްބަރުގެ، ސ. ހިތަދޫ
5- އައިމިނަތު ސާދިޔާ، މ. ޕިސްތާގެ
6- މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
7- އައިމިނަތު މަދީހާ، ދަފްތަރު ނަންބަރު 9456
8- އައިޝަތު ހަފީޒް، އާހިޔާ، ނ. ވެލިދޫ
9- އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު 1851
10- ސުލްވާން އަހުމަދު، ސެލީނާ، ސ. މީދޫ
11- އިސްމާއިލް ސާޖިދު، މއ. ވިލާރޮދި
12- މުހައްމަދު ޝާފިއު، ޝަރުތު، ބ. ތުޅާދޫ
13- މުހައްމަދު ޝަމްއޫން، މ. އަސަލް
14- ޔާސިރު ވަސީމް، ވެސްޓްލައިޓް، ސ. ހުޅުދޫ
15- އަހުމަދު މޫސާ، މ. އަންސާވިލާ،
16- އިސްމާއިލް ހަބީބް، ހ. ނީޓް
އިލެކްޝަންސް ކޮމިޝަނުގައި އެ ކޮމިޝަނުގެ ރައީސާއެކު މަދުވެގެން ފަސް މެމްބަރުން ތިބެން ޖެހޭއިރު، މެމްބަރުކަމަށް އައްޔަނުކުރާނީ އެ މަގާމަށް މީހުން ކުރިމަތިލައި، އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން އެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ މީހެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުކަން ކުރެވޭނީ އުމުރުން 25 އަހަރު ވެފައިވާ މުސްލިމު ދިވެހި ރައްޔިތަކަށެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އެ މީހަކު އަދަކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އިރު، ގާނޫނު އަސާސީ ނުވަތަ އެއްވެސް ގާނޫނެއްގެ ދާށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރާ މީހަކަށް އެ މީހަކު ވެގެން ނުވާނެއެވެ.
ހަބީބުގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާއާއި ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް އަދި މެމްބަރު އަލީ ނަޝާތެވެ.