ކުޅުދުއްފުށީ ހިއްކިބިން، ޑިވެލޮޕްމަންޓް ޒޯނުން 1000 އަކަފޫޓުގެ 20 ގޯތި ބީލަމުގެ އުޞޫލުން ވިއްކަން ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ ބީލަމުހައި ގޯތި ގަންނަ ފަރާތްތަކުން އަގުގެ25 ޕަސެންޓް ޑައުން ޕޭމަންޓްގެ ގޮތުގައި ދެއްކުމަށްފަހު، އަގުގެ ބާކީ 10 ޕަސެންޓްގެ އިންޓަރެސްޓަކާއެކު ފަސް އަހަރު ދުވަހުގެ ތެރޭގައި ދައްކާ ނިންމަން ޖެހޭކަމަށެވެ.

އެކޯޕަރޭޝަންގެ އިއުލާނެއްގައި ބުނަނީ ބީލަން އުސޫލުން ކުޅުދުއްފުށިން ވިއްކާ 20 ގޯތީގެ ބީލަމުގައި ބައިވެރިވެވޭނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ބިމެއް ލިބިފައި ނުވާ ފަރާތްތަކަށާއި، ޝަރުއީ ހުކުމަކުން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައި ނުވާ މީހުނާއި އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގޯއްޗަކަށް އެދޭ މީހާ އަށް ލިބޭ 600 އަކަފޫޓު ހަމަނުވާ ފަރާތްތައް ކަމަށެވެ.
ބައިލައްކަ ރުފިޔާގެ ސެކިއުރިޓީ ޑިޕޮސިޓެއް ބަހައްޓަންޖެހޭ މި ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
ސަރުކާރުގެ 51 ޕަސަންޓް ހިއްސާއާއި ކުޅުދުއްފުށި ކައުންސިލްގެ 49 ޕަސަންޓް ހިއްސާ އޮންނަ ގޮތަށް ކުޅުދުއްފުށި ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ރައީސް ނަޝީދު އުފެއްދެވީ މިދިޔަ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. އެ ކޯޕަރޭޝަން އުފެއްދުމަށްފަހު ކުޅުދުއްފުށީގައި ހިއްކާފައިވާ 29 ހެކްޓަރުގެ ބިމުން ރައްޔިތުންނަށް ގޯތި ވިއްކުމުގެ މަޝްރޫއެއް މިދިޔަ ރޯދަ މަހުގެ ކުރިން އިއުލާން ކުރާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުންޏެވެ.