14:30


ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލު ތަސްދީގު ނުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ، އިންތިހާބު ލަސްކުރެއްވުމަށާއި، މިހާރު ތިބި ކައުންސިލަރުންނަށް އިތުރު ފުރުސަތު ދެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ބިލު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފޮނުއްވާފައި ވަނިކޮށް ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދި އެ ބިލު އަލުން މަޖިލީހަށް ފޮނުއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލަށް ވާހަކަ ދެއްކެވި ބައެއް މެންބަރުން ވިދާޅުވީ، އެ އިންތިހާބުގައި ވޯޓު ލެވޭނީ އިންތިހާބު ބާއްވާ ދާއިރާއެއްގައި ކަމަށް ބިލުގައި ހިމަނައިފައި ވަނީ ރައީސް ނަޝީދު ކަމަށެވެ. އަދި މިހާރު އެ ގޮތް ކަމުނުގޮސްގެން ބިލު މަޖިލީހަށް ފޮނުއްވާފައި ވަނީ، އިންތިހާބު ލަސްކުރެއްވުމަށާއި، ރަށްރަށާއި އަތޮޅުތަކަށް އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ކައުންސިލަރުން އެ މަގާމުތަކުގައި ތިބުމަށް އިތުރު ފުރުސަތު ދެއްވުމަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ބިލާ މެދު އަލުން ވިސްނެވުމަށް އެދިވަޑައިގެން ރައީސް ނަޝީދު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ތިން ކަމެއް ފާހަގަކުރައްވައިފައިވެ އެވެ. އޭގެ ތެރޭގައި، އިންތިހާބުގައި ވޯޓުލުމަށް ބިލުގައި ހިމަނައިފައި އޮތްގޮތުން ގިނަ ބައެއްގެ އިންތިހާބީ ހައްގު އުނިވެގެންދާ ކަމަށާއި، ފުވައްމުލަކަށް ގިނަ މެންބަރުންތަކެއް އިންތިހާބު ކުރަންޖެހޭތީ، ހިންގުމުގެ ހަރަދު ބޮޑުވެގެންދާ މައްސަލަ އާއި އިންތިހާބު އިއްލާންކުރާ ހިސާބުން ފެށިގެން އިންތިހާބު ނިމުމާ ހަމައަށް، އިންތިހާބީ ދާއިރާތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބަވާނީ ސިވިލް ސާވިސް ކޮމިޝަނުން ހުށަހަޅާ ފަރާތްތަކެއް ކަމަށް އޮތުމުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ހުއްޓޭނެ ކަމަށް ވަނީ ފާހަގަކުރައްވައިފަ އެވެ. ރައީސްގެ މި ސިޓީފުޅު މަޖިލީހަށް އިއްވެވީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދެވެ.


ބިލަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށް ބިލް ފާސްކޮށްފައި ވަނީ، ޑީއާރުޕީން މެޖޯރިޓީގެ ބޭނުންކޮށްގެން ކަމަށެވެ. އަދި އެގޮތަށް ފާސް ނުކުރުމަށް އެމްޑީޕީން ބާރުއެޅި ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ނަމަވެސް އެކަމަށް އިންކާރު ކުރައްވައި ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، ބިލު ފާސްކޮށްފައި ވަނީ ވޯޓާ ބެހޭ މާއްދާއަށް އެއްވެސް ބަދަލެއް ނުގެނެސް، އެ މާއްދާ އޮތް ގޮތަށް ކަމަށެވެ. އަދި އެއީ އެހެން ގައުމުތަކުގެ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބުގެ ވޯޓުލުން އޮންނަ ގޮތް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. ނަމަވެސް އެގޮތް ބަދަލުކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި އުޅޭ ހުރިހާ ދިވެހިންނަށް އެ ތަނެއްގައި ވޯޓުލެވޭ ގޮތަށް އޮތުމަށް ތާއީދުކުރައްވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި ލޯކަލް އިންތިހާބުގައި 80 ޕަސެންޓް ޑީއާރުޕީން ކާމިޔާބުކުރާނެ ކަމަށް ވެސް އެމްޑީޕީގެ މެންބަރުންނަށް ރައްދުދެއްވައި ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުން ވިދާޅުވި އެވެ. އަދި ފުވައްމުލަކުގައި 30 މެންބަރުން އިންތިބާހުކުރަން ބިލުގައި އޮންނައިރު އެއީ ނިސްބަތުން ކޮންމެ 361 މީހަކަށް މެންބަރެއް ކަމަށާއި، އެހެން އަތޮޅުތަކުގައި އެއަށްވުރެ އެ ނިސްބަތް މަދުކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.


ބިލުގައި ވޯޓުލުމާބެހޭ ގޮތުން އޮތް މާއްދާއަކީ ރަނގަޅަށް އޮތް މާއްދާއެއް ކަމަށް އިޝާރާތް ކުރައްވައި ކުރީގެ ލީގަލް ރިފޯމް މިނިސްޓަރ އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، ބޭނުން ދާއިރާއެއްގެ މީހަކަށް އަނެއް ދާއިރާގައި ވޯޓުލުމަށް ހަމަޖެއްސުމަކީ ލޯކަލް ކައުންސިލްގެ މަފްހޫމާ ހިލާފް ކަމެއް ކަމަށެވެ. އަދި ބިލުގައި މިހާރު އޮތްގޮތުން ވޯޓުލުމުގެ ހައްގު ގެއްލިގެންނުދާ ކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލް ދެއްވި އެވެ.


މި ބިލަށް މެންބަރުން ބަހުސް ކުރެއްވުމަށްފަހު ބިލް އިތުރަށް ދިރާސާ ކުރުމަށް 11 މެންބަރުންގެ ކޮމިޓީއަކަށް ވަނީ ފޮނުވައިފަ އެވެ.


ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި 13 ބޭފުޅެއްގެ ނަންފުޅު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ވަނީ އިއްލާން ކުރައްވައިފަ އެވެ. އަދި އެ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް މާލިއްޔަތު ކޮމިޓީަށް ވަނީ ފޮނުއްވައިފަ އެވެ. އެ ނަން ފުޅުތައް ޖަލްސާގައި އިއްލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދެވެ.


ތެލެސީމިޔާ ކޮންޓްރޯލް ކުރުމުގެ ބިލުގެ ބަހުސްވެ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފައްޓަވައިފަ އެވެ.