26 Feb 2019, 10:26
އިސްލާމްއާބާދު (ފެބްރުއަރީ 26): ކަޝްމީރުގައި އިންޑިއާ އާއި ޕާކިސްތާނުން ވެރިކަން ކުރާ ދެ ފަޅި ފާހަގަ ކުރުމަށް ކަނޑައަޅާފައިވާ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް، އިންޑިއާގެ ޖެޓުތަކެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން ކަމަށް އެގައުމުން ބުނެފި އެވެ.
ޕާކިސްތާން އަސްކަރިއްޔާގެ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފް ޣަފޫރު ވިދާޅުވި ގޮތުގައި އިންޑިއާގެ އެއާފޯސްއިން ވަނީ ލައިން އޮފް ކޮންޓްރޯލާ ހިލާފުވެފަ އެވެ. އޭގެ ސަބަބުން ޕާކިސްތާނުގެ އެއާފޯސްއިން ހަރަކާތްތެރިވާން ފެށުމުން އިންޑިއާގެ ޖެޓުތައް ވަނީ އެނބުރި ގޮސްފަ އެވެ.
ޣަފޫރު އިތުރަށް ވިދާޅުވި ގޮތުގައި އެޖެޓުތަކުން ވަނީ ޕާކިސްތާނުގެ ވެރިކަމުގެ ދަށުގައި އޮންނަ ބަލަކޮޓަށް ގޮވާ އެއްޗެއް ވައްޓާލާފަ އެވެ. ނަމަވެސް އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެ، އެއްވެސް ތަނަކަށް ގެއްލުންވެފައި ނުވެ އެވެ.
މީގެ އިތުރުން، އިންޑިއާގެ އެއާފޯސްއާ ހަވާލާދީ އެގައުމުގެ އޭއެންއައި ނޫހުން ވަނީ ރޭ ދަންވަރު އެގައުމުގެ ޖެޓުތަކުން އެލްއޯސީ ކައިރީ ހުންނަ ޓެރަރިސްޓުން ތަމްރީނު ކުރާ ކޭމްޕުތަކަށް ހަމަލާދިން ކަމަށް ރިޕޯޓުކޮށްފަ އެވެ.
ނަމަވެސް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ޕާކިސްތާނުގެ ތުހުމަތުތަކާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނެފަ އެވެ.
އެއީ 1971ގެ ފަހުން އިންޑިއާގެ އެއާ ފޯސްއިން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަން ފުރަތަމަ ފަހަރެވެ.
އެހާދިސާ ހިނގީ މިމަހުގެ 14 ވަނަ ދުވަހު، ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގައި ދިން ހަމަލާއެއްގައި އެގައުމުގެ 40އަށް ވުރެ ގިނަ ޕެރަމިލިޓަރީ ސިފައިން މަރުވި ފަހުންނެވެ. ކަޝްމީރުގެ މިނިވަންކަމަށް ގޮވާލާ ޖަމާއަތެއް ކަމަށްވާ ޖައިޝް މުހައްމަދުން ވަނީ އެހަމަލާގެ ޒިންމާ ނަގާފަ އެވެ.
އަދި އެހަމަލާގައި ޕާކިސްތާނުގެ އަތެއްވާ ކަމަށް އިންޑިއާއިން ތުހުމަތު ކުރުމުން ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފަ އެވެ.