26 Feb 2019, 10:03
ތެހެރާން (ފެބްރުއަރީ 26) : އީރާނުގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު ޖަވާދު ޒަރީފް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވިކަން ޒަރީފް އިއްލާން ކުރެއްވީ އިންސްޓަގްރާމް ގައިވާ އޭނާގެ ރަސްމީ އެކައުންޓް ގައެވެ. އީރާން ސަރުކާރުގެ ރަސްމީ މީޑީއާއެއްގައެއް ނޫނެވެ. މަގާމުން އިސްތިއުފާ ދެއްވި ސަބަބު ޒަރީފް ހާމައެއް ނުކުރައްވަ އެވެ. އިސްތިއުފާގެ އިބާރާތުގައި ޒަރީފް ވިދާޅުވެފައި ވަނީ މަގާމުން އިސްތިއިފާ ދެއްވައިފި ކަމަށާ އޭނާ ޚާރިޖީ ވަޒީރުކަމުގައި ހުންނަވައިގެން ގައުމަށް ކުރި ޚިދްމަތުގައި އުނިކަމެއް ވާނަމަ އީރާނުގެ އިސް މަސްއޫލުވެރިންނާ އަދި އީރާންގެ ލޮބުވެތި ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭ ކަމުގައެވެ. އަދި އީރާނުގެ އުންމަތަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ.
އީރާނުގެ ޚާރިޖިއްޔާގެ މަސްއޫލުވެރިއަކު ވަނީ ޒަރީފް އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށް ދެއްވައިފަ އެވެ. ނަމަވެސް އީރާނުގެ ރައީސް ހަސަން ރޫޙާނީގެ އޮފީހުގެ ޑައިރެކްޓަރު މަހްމޫދު ވާޢިޟީ ވަނީ ރައީސް ހަސަން ރޫހާނީ ޒަރީފްގެ އިސްތިއުފާ ގަބޫލުކުރައްވާފައި ނުވާކަމަށް ވިދާޅުވެފަ އެވެ. މިއާ އެކު ޒަރީފް މަގާމުން އިސްތިއުފާ ދެއްވި މައްސަލަ އަދި ވަނީ އޮޅުމެއްގެ ތެރޭގަ އެވެ.
އިލްމީ ގޮތުން ވަރަށް ފުންނާބު އުސް ބޭފުޅެއް ކަމަށްވާ ޑރ. ޒަރީފް އަކީ ކުރިން ޔުނިވާސިޓީ ޕްރޮފެސަރެކެވެ. އެމެރިކާގެ ޔުނިވާސިޓީތަކުގައި ފެލޯ އެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންފައިވެ އެވެ. އޭނާއަކީ އީރާނުގެ އިސްލާމީ އިންގިލާބާ ގުޅިފައިވާ އެންމެ އިސް ފަންނީ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔަތުގެ ފިކުރުގެ ބޭފުޅެކެވެ.
އެމެރިކާ އިން މަތީ ތައްލީމް ހާސިލް ކުރައްވާފައިވާ ޒަރީފް އދ.ގައި ހުންނަވާ އީރާނުގެ ސަފީރު ކަމުގެ މަގާމުން ދިގުމުއްދަތަކަށް އަދާކުރައްވާފައިވެ އެވެ. އޭނާ ތިރީހަކަށް އަހަރު އދ.ގައި ހުންނަ އީޜާނުގެ މިޝަންގައި އެކި ލެވެލްތަކުގައި މަސައްކަތް ކުރައްވާފައިވެ އެވެ. ޒަރީފްއަކީ އިސްލާމީ ފިކުރުގެ އެހެންނަމަވެސް ޑިމޮކްރެޓިކް ވިސްނުމުގެ ބޭފުޅެކެވެ.
އީރާނުން ދުނިޔޭގެ ބޮޑެތި ބާރުތަކާ އެކު 2015 ވަނަ އަހަރު ސޮއިކުރި ނިއުކްލިޔާ އެއްބަސްވުމުގެ މޭސްތިރިއަކީ ޒަރީފް އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާ އީޜާނުގެ ފަރާތުން ކުރިމަތި ލެއްވި އީރާނުގެ ޕްރޮފެޝަނަލް ޑިޕްލޮމެޓަކީ ޒަރީފެވެ. އެ ނެގޯސިއޭޝަންތަކުގައި ބައިވެރިވި އީރާނުގެ ޓީމު ލީޑް ކުރެއްވީ ޒަރީފް އެވެ.
އީރާނުގެ އިސްލާޙީ ވިސްނުމުގެ އަދި މެދުމިނުގެ އޯޕަން ސިޔާސަތެއް ގެންގުޅުއްވާ ރައީސް ހަސަން ރޫހާނީ ގެ ސިޔާސަތުތައް ކަނޑައެޅުމުގެ އިސް މޭސްތިއެއްގެ ގޮތުގައި ވެސް ޒަރީފްގެ ނަން ފާހަގަ ކުރެވިފައިވެ އެވެ. ޒަރީފްއާއި ރޫހާނީގެ ގުޅުންތައް ވެސް ވަރަށް ރަނގަނޅެވެ. މިއާއެކު ކުއްލި ގޮތަކަށް ޒަރީފް އިސްތިއުފާ ދެއްވި މައްސަލައާމެދު ވަނީ ސުވާލުއުފެދިފަ އެވެ. (ނޫސްއެޖެންސީތައް)