26 Feb 2019, 10:00
އިނގިރޭސި ލީގު ކަޕުގެ (އީއެފްއެލް) ފައިނަލުގައި ކުރީ ރޭ މެންޗެސްޓާ ސިޓީއާއި ޗެލްސީ ބައްދަލު ކުރި މެޗުގައި ޗެލްސީގެ ގޯލް ކީޕަރު ކެޕާ އަރިޒަބަލާގާ ބަދަލު ކުރަން އުޅުމުން ދެކޮޅު ހަދާ ނުފޭބުމާއި ގުޅިގެން އެއް ހަފްތާ ވަންދެން އޭނާ ސަސްޕެންޑް ކުރުމަށް އެ ކުލަބުން ނިންމައިފިއެވެ.
އީއެފްއެލްގެ ފައިނަލުން ޕެނަލްޓީ ޖަހާ ޗެލްސީ ބަލިވި މެޗުގެ އިތުރު ވަގުތު ޗެލްސީގެ ކީޕަރަށް އަނިޔާވެ ފަރުވާ ހޯދުމުން އޭނަގެ ބަދަލުގައި ދެވަނަ ގޯލް ކީޕަރު ވިލީ ކަބެލޭރޯ އެރުވުމަށް ކޯޗު ނިންމިއެވެ. ކަބެލޭރޯ އެރުވުމަށް ހަތަރުވަނަ ރެފްރީ ކުޅުންތެރިޔާ ބަދަލު ކުރާ ބޯޑު ވެސް ތައްޔާރު ކުރުމަށް ފަހު ކެޕާ ވަނީ އޭނަ ނުފައިބާނެ ކަމަށް ބުނެ ކޯޗާ އަރާރުން ވެފައެވެ.
މަސްލަހަތު އިތުރަށް ގޯސްވެ ޗެލްސީގެ ކޯޗު މޯރީސިއޯ ސާރީގެ ރުޅިގަނޑު "ފަޅައިގެން" ދިޔައެވެ. އަދި ބެންޗު ދޫކޮށް ދަނޑުން ނުކަންނަން ވެސް ދިޔައެވެ. އެ މެޗުގައި އެހާ ބޮޑު ހަމަ ނުޖެހުމެއް އެއް ޓީމެއްގެ ދެ ފަރާތަކުން ފެނިގެން ދިޔުމުން ގިނަ ބައެއްގެ ފާޑު ކިޔުންތައް ވަނީ އެކުލަބަށް އަމާޒު ވެފައެވެ.
އެ މެޗު ނިމުމަމަށް ފަހު ކެޕާ ވަނީ ހިނގައިދިޔަ ކަންތައްތަކަށް ކޯޗާއި ޓީމުގެ މެނޭޖްމެންޓުގެ ފަރާތުން މާފަށް އެދިފައެވެ. ނަމަވެސް އަދަބެއްގެ ގޮތުގައި އޭނާ ވަނީ އެއް ހަފްތާއަށް މުސާރަ ނުދީ ޓީމުން ވެސް ސަސްޕެންޑު ކޮށްފައެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި ޗެލްސީއަށް މިސީޒަނުގައި ގުޅުނު ކެޕާގެ ސަސްޕެންޝަނުގެ ސަބަބުން އުނިވާ ހުރިހާ ފައިސާއެއް ޗެލްސީގެ އެކެޑެމީ ފަންޑަށް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
މި ހިނގައި ދިޔަ ހާދިސާތަކަށް ފަހު ޗެލްސީގެ ކޯޗު ބުނެފައިވަނީ އޭނާ މެޗުގެ މޯޓިވޭޝަން ހޯދުމަށް ކުރި ކަމަކީ ވަރަށް ގޯސްކޮސް ކުރި ކަމެއް ކަމަށާއި އޭނާއަށް މާފު ކުރާނެ ކަމަށެވެ. ނަމަވެސް ކުލަބުން އޭނާއަށް އަޅާނެ ފިޔަވަޅަކަށް ކޯޗު ޒިންމާ ނުވާނެ ކަމަށެވެ.