ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ބައިވެރިވެ ވާދަކޮށްގެން ބަލިވި ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަރިލާން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެފަދަ ފަރާތްތަކަށް މަޖިލީސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން މާޗް މަހުގެ ހަތަރު ވަނަ ދުވަހު ހަވީރު 16:00ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

އޭޕްރިލް ހައެއްގައި އިންތިހާބު ބާއްވަން އިލެކްޝަނުން ވަނީ އިއުލާނުކޮށްފަ އެވެ.

ޕްރައިމަރީގައި ވާދަކުރި ފަރާތްތަކަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާޗު ހަތަރަކަށް ދީފައިވާއިރު މާޗު ފަސް ވަނަ ދުވަހު ކެންޑިޑޭޓުންގެ ގުރުއަތުލުން ބާއްވަން ޖެހޭނެ އެވެ.

އެއީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ފަހު އިންތިހާބަށް ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް އެއް މަސް ދޭން ގާނޫނުގައި ބުނެފައި އޮންނާތީ އެވެ.

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ އަކީ ގާނޫނު އަސާސީއާ ތައާރުޒުވާ މާއްދާއެއް ކަމަށް ވުމުން އެ މައްދާ ބާތިލުކޮށް މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވެފައިވީ ނަމަވެސް، ޕްރައިމަރީތަކުން ބަލިވި މީހުންގެ ތެރެއިން އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ފުރުސަތަކީ މާޗު 4ގެ ނިޔަލަށް ކަމަށް ވެސް ހުކުމުގައިވެ އެވެ. އަދި އެ މުއްދަތުގައި ވާދަކުރުމަށް ހުށަހެޅޭނީ ހަމަ އެކަނި، ޕާޓީއެއްގެ އެތެރޭގެ ޕްރައިމަރީއެއްގައި ވާދަކޮށްފައިވާ ފަރާތަކަށް އެކަނި ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.