26 Feb 2019, 11:47
ނުކުޅުދުންތެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން މުޖުތަމައުގައި ތިބި އެންމެ ނާޒުކު ފަރާތްތަކަށް ޚިދުމަތްކޮށްދިނުމުގެ އުއްމީދުގައި 1998 ވަނަ އަހަރު ކެއާ ސޮސައިޓީ އުފެދުނެވެ.
އެ ޖަމިއްޔާ އަކީ ނުކުޅުދުންތެރިކަމުގެ ދާއިރާގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރަމުން އަންނަ ޖަމިއްޔާ ވެސް މެއެވެ. ކެއާ ސޮސައިޓީ އަކީ ހުރިހާ ވައްތަރެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަފާތު ހިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރަމުން އަންނަ އަމިއްލަ ޖަމިއްޔާއެކެވެ.
ފުރިހަމަ ހިދުމަތްތަކާއެކު މެދުކެނޑުމެއްނެތި 20 އަހަރުވީއިރު ވެސް އެތަނަކަށް އެނަމަކަށް ފަނޑުވުމެއް އައިސްފައެއްނުވެއެވެ. އެފަދަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގެއަކީ މިތަނެވެ. އެ ކުދިންގެ ހިތްހަމަޖެހުމަކީ ވެސް މިތަނެވެ.

ކެއާ ސޮސައިޓީގެ ދަރިވަރުން--- ފޮޓޯ/ ކެއާ ސޮސައިޓީ
އެކި އެކި ކުންފުނިތަކުންނާއި ވަކި ވަކި ފަރުދުން ވެސް އަންނަނީ ކެއާ ސޮސައިޓީއަށް މާލީ އެހީތެރިކަން ދެމުންނެވެ. އެ ތަން ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.
ތައުލީމާއި ތަމްރީނުތައް ހޯދައި ދިނުމުގެ މަގުސަދުގައި ކެއާ ޑެވެލޮޕްމެންޓް ސެންޓާގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ސްކޫލެއްވެސް އެ ޖަމިއްޔާއިން އަންނަނީ ހިންގަމުންނެވެ.
އެ ގޮތުން 2001 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް 75 އަށް ވުރެ ގިނަ ދަރިވަރުން ވަނީ އެ ސެންޓާއިން ތައުލީމާއި ތަމްރީން ހޯދާފައެވެ.

ކެއާ ސޮސައިޓީގެ ދަރިވަރުން--- ފޮޓޯ/ ކެއާ ސޮސައިޓީ
ހުރިހާ އުމުރު ފުރައެއްގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމާއި ތަމްރީން ދިނުމުގެ އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.
އަރލީ އިންޓަވެންޝަން މިޕްރޮގްރާމް:
މިޕްރޮގްރާމް ހިންގެނީ އެންމެ ތުއްތު އިރުން ހަތް އަހަރާ ހަމައަށެވެ. އެ އުމުރުފުރައިގައި ކުދިންގެ ގައިގައި ހުންނަނީ ކޮން ހުނަރެއްތޯ ބަލައި އެ ހުނަރު ތަރައްގީ ކުރުމަށް މަސައްކަތްކުރެއެވެ.- އިންޑިވިޖުއަލް އެޑިއުކޭޝަން ޕްރޮޤްރާމް:މިޕްރޮގްރާމް ހިންގެނީ އަށް އަހަރާއި 12 އަހަރާ ދެމެދުގެ އުމުރު ފުރައިގެ ކުދިންނަށެވެ.
- ވޮކޭޝަނަލް ޓްރޭނިންގް:މިޕްރޮގްރާމް ހިންގެނީ 13 އަހަރުން މަތީގެ އުމުރު ފުރައިގެ ކުދިންނަށެވެ.
ފުޅާދާއިރާއެއްގައި ވޮކޭޝަނަލް ޓްރެއިނިން ހިންގަމުން އަންނައިރު އެ ޓްރެއިނިން އަކީ ހަތަރު އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޓްރެއިނިންއެއް ކަމަށް ކެއާއިން ބުނެއެވެ.
އެ ސޮސައިޓީގެ ޑިރެކްޓާ ޕްރޮގްރާމްސް ފާތިމަތު ޒާނާ ރަފީއު 'ސަން'އަށް ވިދާޅުވީ އެ ކުދިންނަށް ތަމްރީން ދިނުމަށްފަހު ވަޒީފާގެ ފުރުސަތުތައް އެކި ކުންފުނިތަކުން ހޯދުމަށް މަސައްކަތްކުރާ ކަމަށެވެ. ދަރިވަރުންނަށް ސޯޝަލް ޓްރެއިނިންގެ އިތުރުން ޖޮބް ޓްރެއިނިންވެސް ދޭ ކަމަށް ޒާނާ ވިދާޅުވިއެވެ.
"ޕްރޮގްރާމް ނިންމައިގެން އެބަތިބި ވަޒީފާތަކުގައި ކުދިން. މިއަހަރު މިބަލަނީ ކެއާގެ އިތުރުން އެހެނިހެން ކުންފުނިތަކުންވެސް ފުރުސަތު ލިބޭތޯ. އެ ކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ފުރުސަތު ދެވޭތޯ އަބަދުވެސް މަސައްކަތްކުރަން،"
ޖުމްލަ 17 ދަރިވަރުން މިވަގުތު ވޮކޭޝަނަލް ޓްރެއިން ހަދަމުންދާ ކަމަށްވެސް ޒާނާ ވިދާޅުވިއެވެ.
ޒާނާ ވިދާޅުވީ ކެއާ ސޮސައިޓީގެ ކޮންމެ ކުއްޖަކީ ކޮންމެވެސް ހުނަރެއް ހުންނަ ކުއްޖެއް ކަމަށާއި މިއަހަރު އެ ދަރިވަރުން ގިވްއަވޭ އެއްޗެހި ކައިވެނި ޕާޓީއަކަށް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ކެއާ ސޮސައިޓީގެ ދަރިވަރުން--- ފޮޓޯ/ ކެއާ ސޮސައިޓީ
"މިކޮޅުގެ ކުދިން ހަދާނެ އެކި ކަހަލަ ތަކެތި. ފެހުމުގެ މަސައްކަތްކުރާނެ. ދެން ކަސްޓަމަރުން ބޭނުންވާ ގޮތަށް އެކުދިންގެ ހުނަރާއެކީ އެ މަސައްކަތް ކުރާނެ. ކަސްޓަމަރުންނަށް އެ ފުރުސަތު އެބޮތް،"
ޖުމްލަ ފަސް މުދައްރިސުންނާއެކު ހިންގާ އެ ސޮސައިޓީގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އެ ސޮސައިޓީގެ ދަށުން ހިންގަމުން އަންނަ ޕްރޮގްރާމްތަކާ ހިދުމަތްތައް އިތުރަށް ފުޅާކުރުމުވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ޓްރެއިނިންގް ޕްރޮގްރާމްތައް ހިންގާ މަސައްކަތްތައް ދަސްކޮށްދިނުން ކަމަށެވެ.
"ގަބޫލުކުރަނީ މުސްތަގްބަލްގައި އެފަދަ ކުދިން އެކި ކުންފުނިތަކުގައި މަސައްކަތްކޮށް ކާމިޔާބު ހޯދުން. އާންމު މީހުންނެކޭ އެއްގޮތަށް މިފަދަ ކުދިންނަށް ވެސް މަސައްކަތްކުރެވޭނެ. އެއް ހަމައެއްގައި މަސައްކަތްކުރެވޭނެ. ބާކީ ކޮށްގެން ނުވާނެ،"

ރަނިންރަން ބާއްވާނީ މާޗު މަހުގެ އެއް ވަނަ ދުވަހު--- ފޮޓޯ/ ޓީއެފްޖީ
މިވަގުތު ކެއާ ސޮސައިޓީއިން އަންނަނީ ޓީއެފްޖީއިން އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވާ ރަނިން ރަންއަށް ތައްޔާރުވަމުންނެވެ.
އެ ސޮސައިޓީގެ އަންހެން ދަރިވަރުންނާ މުވައްޒަފުން ވެސް އެ ދުވުމުގައި ބައިވެރިވުމަށް ނިންމާފައެވެ.
ރަނިން ރަންގެ ޓައިޓްލް ސްޕޮންސާއަކަށް ހަމަ ޖައްސާފައި ވަނީ ކެއާ ސޮސައިޓީ އެވެ.
ދުވުންތެރިން ދުވުމަށް ރެޖިސްޓްރީވާން ދައްކާ ފީއިން 20 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ. އަދި ޓީޝާޓު ވިއްކައިގެން ލިބޭ ރުފިޔާގެ 26 ޕަސެންޓް ކެއާ ސޮސައިޓީއަށް ހަދިޔާ ކުރާނެ އެވެ.
ރަނިންރަންގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.