11 Oct 2011, 13:28
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފައްދަން ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުމުން އިއްޔެއިން ފެށިގެން ގިނަ އަދެއްގެ ބަޔަކު ނަން ނޯޓް ކުރަމުން އަންނަކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
ޕީޕީއެމް އުފެއްދުމުގެ ހަރަކާތްތެރިވާ އާމިނަތު ނާދިރާ ވިދާޅުވީ 1000 އަށްވުރެ ގިނަ މީހުންނަށް ފުރުޞަތު ދެވޭ ޖަލްސާގައި ބައިވެރިވުމަށް މީހާރުވެސް ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމްގެ ވަގުތީ އޮފީހުގަ އާއި އެ ޕާޓީގެ ހަރުގޭގައި ނަންނޯޓް ކުރަމުން އަންނަ ކަމަށެވެ.
"ނަންނޯޓް ކުރުމުގެ ފުރުޞަތު ހުޅުވާލުމުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ނަންނޯޓްކޮށްފި. ދެ ތަނުގައި [ޕީޕިއެމްއޮފީހުގައާ ހަރުގޭގަ] ފުރުސަތު ހުޅުވިފައި ވުމުން ސިދާ އަދަދު ދަންނަވަން އަދި ނޭނގޭ. އެހެންނަމަވެސް މިހާރު ނަންނޯޓް ކުރި ފަރާތްތައް ހާހަކަށް ވުރެ ގިނަ ވެދާނެ. އަޅުގަނޑުމެން އަދި ވެސް ދަންނަވަން ބޭނުންވޭ މިޖަލްސާގައި ބައިވެރިވާން އެކިފަރާތްތަކުން ބޭނުން ވިޔަސް މިފަހަރު މާފައިއެކު ފުރުސަތުދެވެން ނެތްވާހަކަ،" ނާދިރާ ވިދާޅުވިއެވެ.
އެގާރަސަތޭކަ މީހުންނަށް ވުރެ އިތުރަށް ނަން ނޯޓް ކޮށްފިނަމަ ޖަލްސާއަށް މީހުން ވައްދަން ނިންމާފައި ވަނީ ގުރުއަތު ނަގައިގެނެވެ. ގުރުއަތު ނަގަން ޖެހޭނަމަ އެކަން ހުކުރު ދުވަހުގެ ރޭ ބާއްވާނެ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.
ޕީޕީއެމްގެ ޖަލްސާއަށް ވަންނަން ބޭނުންވާ ފަރާތްތައް ނަންނޯޓްކުރުމުގެ މުއްދަތު ހަމަވާނީ އަންނަ ބުރާސްފަތި ދުވަހަށެވެ.