ގަވައިދާ ހިލާފަށް ކުނި އަޅައިގެން ނުވަ ފަރާތެއް ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީި މަހުގެ 17 އިން ފެށިގެން 23 ވަނަ ދުވަހާ ހަމައަށް ކުނި މެނޭޖްކުރުމުގެ ގަވައިދާ ހިލާފުވެގެން ނުވަ މީހަކު ޖޫރިމަނާ ކުރި ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކުރި ކިހާ އަދަދަކުން ކަމެއް ފުލުހުން ނުބުނެއެވެ.

މާލޭގެ މަގުތަކަށް ކުނި އަޅައިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިންވެސް ބައެއް މީހުން ޖޫރިމަނާކޮށް އެމީހުންގެ ނަންތައްވެސް އާންމުކޮށްފައި ވެއެވެ. ނަމަވެސް އާންމުންގެ ފާޑިޔުން އަމާޒުވުމުން ނަން އާންމުކުރުން ވަނީ ހުއްޓާލައިފައެވެ.

މާލޭގެ މަގުތަކުން ކުނި މަދުކުރުމަށް މިދިޔަ އަހަރު އެންވާރަމަންޓަލް ޕޮލިސްވެސް ވަނީ ތައާރަފުކޮށްފައެވެ.

ފުލުހުން މިއަދު އާންމުކުރި ހަފްތާގެ ތަފާސް ހިސާބުގައި ބުނީ މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރި މައްސަލައެއްގައި ހަތަރު މީހުން ޖޫރިމަނާވެސް ކުރި ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ހަފްތާގައި 28 ކޮންސްޓްރަކްޝަން ސައިޓެއްވެސް ބަލައި ޗެކް ކުރި ކަމަށެވެ. މާލޭގައި ފަހަކަށް އައިސް އިމާރާތްތަކުން މީހުންގެ ގަޔަށް އެއްޗެހި ވެއްޓި އަނިޔާވުމުގެ ހާދިސާތައް ދަނީ ހިނގަމުންނެވެ. އެފަދަ ހާދިސާތަކުގައި ދެ މީހަކު މަރުވެސް ވެފައި ވެއެވެ.