އާ އުކުޅެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާ ކަމަށާއި އަދި އެކަމާމެދު ސަމާލުވުމުން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ މީހުންނަށް ފޯނުން ގުޅުމަށްފަހު ޕާރުސަލަކާ ހަވާލުވެދީފައި އެއަަށްވާ ޝިޕިން ޗާޖާޒް ދައްކައިދޭން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލުމުގެ މައްސަލަތައް މިހާރު ހުށަހަޅަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ މުވައްސަސާއެއްގެ ޒިންމާދާރު ވެރިއެއްކަމަށްބުނެ ދާދިފަހުން މީހަކަށް ގުޅައި މާލެއިން މީހަކު އޭނާއާ ތިން ފޮށިގަނޑު ހަވާލުކުރާނެ ކަމަށް ބުނި ކަމަށެވެ. އަދި އެތަކެތި ހަވާލުކުރާ މީހާއަށް ޝިޕިން ޗާޖާޒްގެ ގޮތުގައި 13،000 ރުފިޔާ ދިނުމަށާއި އަދި އެތަކެތި ގެންގޮސްދިނުމުން އޭނާއަށް އެލާރި ލިބޭނެ ކަމަށް ބުނި ކަމަށް ފުލުހުން ބުންޏެވެ.

އެހެން ނަމަވެސް އެތަކެތި އެރަށަށް ގެންގޮސް ފޯނުކުރިކަމަށް ބުނި ފަރާތާ ބައްދަލުކުރުމުން އެއީ އޭނާއާ ގުޅުމެއްވެސް ހުރި އެއްޗެއް ކަން ނޫން ކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ފޮށިގަނޑު ކެނޑިއިރު އޭގައި ހުރީ ގަލާއި ކުނިބުނި ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އަމަލެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެގޮތުން އެކި ނަންނަމުގައި ގުޅޭ މީހުންނާމެދު ސަމާލުވުމަށާއި އަދި އެގޮތަށް ފޮށިގަނޑުތައް ހަވާލުކޮށް ފައިސާ ދިނުމަށް އެދޭނަމަ ފައިސާ ނުދީ ފުލުހުންނަށް އެކަން ރިޕޯޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.