ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ މަރުތައް ބަލާ ކޮމިޝަނާއި ކޮރަޕްޝަން ބަލާ ކޮމިޝަނަށް ގާނޫނީ ބޮޑެތި ބާރުތަކެއް ދޭ ބިލަށް ތާއީދު ނުކުރަނީ އިދިކޮޅު ކެންޑިޑޭޓުން ހައްޔަރުކޮށްފާނެތީ ކަމަށް، އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރިޔާސީ ދެ ކޮމިޝަނަށް ބާރުދޭ މި ބިލަށް ދެފަހަރެއްގެ މަތިން ވޯޓަށް އެހުމަށް ތާވަލު ކުރުމުން، ހާޒިރުވާންޖެހޭ މިންވަރަށް މެމްބަރުންގެ އަދަދު ހަމަނުވެގެން ވޯޓަށް ވަނީ ނޭހިފައެވެ. އެ ބިލަށް ތާއީދު ނުކުރާ ކަމަށް މީގެ ކުރިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއާއި ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީން މުއައްސަސާތައް އުފައްދަވާފައިވާ ކަމަށާއި ރައީސް ސޯލިހު ބޭނުންފުޅުވާ ބޭފުޅުން އައްޔަނު ކޮށްގެން ރިޔާސީ ކޮމިޝަނުތަކަށް ބާރުތައް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ނަމަ، އޭސީސީން ބެލޭނެ. ޖިނާއީ ތަހުގީގެއް ނަމަ، ފުލުހުންނަށް ކުރެވޭނެ. މިފަދަ މުއަސަސާތައް އުފައްދަވާފައި ވަނިކޮށް، އެ މުއައްސަސާތަކުން ގާނޫނު އަސާސީން މެންޑޭޓު ކަނޑައަޅާފައި ވަނިކޮށް، ދެން ރައީސުލްޖުމްހޫރިއްޔާއަކަށް އަންނަ ބޭފުޅަކު ބޭނުންވާ ބޭފުޅަކު ލައިގެން އުފައްދަވާ ކޮމިޝަނަކަށް ބާރުދިނުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ހަމައެއް ނޫން. އަދި ގާނޫނު އަސާސީއާ އެއްގޮތަށް[ކުރާ ކަމެއް ނޫން]،" ފުރަތަމަ ދުވަހުން ފެށިގެން އެ ބިލަށް ތާއީދު ނުކުރަނީ އެ ސަބަބާ ހުރެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަޙީމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަބްދުއްރަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީން ލިބިދޭ އިހްތިޔާރުގެ ދަށުން ކޮމިޝަންތައް ހެދިދާނެ ކަމަށެވެ. އަދި އަބްދުއްރަހީމް ގަބޫލުކުރައްވާ ގޮތަކީ، އެ ކޮމިޝަންތަކުން ބައްލަވަން ޖެހޭ މައްސަލަތައް ބެއްލުމަށްފަހު އެ ބަލަން ޖެހޭ އެ ކަމަކާ ގުޅޭ މުއަސަސާތަކުން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ކޮމިޝަންތަކަށް ބާރުދޭން އުޅޭނީ ކެންޑިޑޭޓުން ޖަލަށްލުމަށް"

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، އަވަސް އަރުވާލައިގެން ކޮމިޝަންތަކަށް ބާރުދޭން ސަރުކާރުން މަސައްކަތް ކުރައްވަނީ، މަޖިލިސް މެޖޯރިޓީ ނެގުމަށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ކެންޑިޑޭޓުން ޖަލަށް ލުމަށް ކަމަށެވެ.

"[ސަރުކާރުން] އެބޭފުޅުން އެ އުޅެނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ކުރިން ކޮމެޓީތަކަށް [ކޮމިޝަންތަކަށް] ބާރު ހޯދަންވެގެން. ހޯދުމަށްފަހު، އެބޭފުޅުންނަށް މެޖޯރިޓީ ލިބޭ ވަރަށް. މިސާލަކަށް ގުރުއަތުލާ ނިމުމުން [ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރުމަށްފަހު] މުހައްމަދު ސައީދު [މާވަށު ދާއިރާއަށް ވާދަކުރައްވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު] ގެންގޮސް ހައްޔަރު ކުރަންވީ. އެމްޑީޕީ ކެންޑިޑޭޓު ފިޔަވާ އެ ދާއިރާގައި ވާދަކުރައްވަން ހުންނަވާ ކެންޑިޑޭޓުން ހައްޔަރުކުރުމުން އެމްޑީޕީއަށް ގޮނޑި ލިބުނީ. ފަސޭހަ ނޫންތޯ؟"

"އަޅުގަނޑުގެ ދާއިރާގައި [ފޮނަދޫ ދާއިރާ] އަޅުގަނޑު ހައްޔަރު ކުރުމުން، އެމްޑީޕީއަށް ގޮނޑި ލިބުނީ. [ދެ ކޮމިޝަނަށް ބާރުދޭން އުޅެނީ] އެކަހަލަ ކަންތައްތަކެއް ކުރުމަށް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑުމެން ގަބޫލު ނުކުރެވޭ މީ ކުރަންޖެހޭ ކަމެއްކަމަށް އެއްގޮތަކަށްވެސް،"

މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސަތޭކަ ދުވަހު" އެ ބިލަށް ވޯޓަށް އެހުމަށް ތާވަލު ކުރި ނަމަވެސް ޕީޕީއެމް އަދި ޕީއެންސީން އެ ބިލަށް ތާއީދު ނުކުރާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެ ވިދާޅުވާ، ބަރުލަމާނީ ނިޒާމަށް މި ރާއްޖެ ބަދަލުކުރުމަށް ބޭނުންވާ ވަރަށް، އަގުލަބިއްޔަތު ހޯދެނީ، އަޅުގަނޑުމެންގެ ތެރެއިން 30-40 އަކަށް މެމްބަރުން ހައްޔަރުކޮށްގެން ކަމަށް ވާނަމަ، އެކަން ކުރަން މަގުފަހިކުރުމަށްޓަކައި ކޮމިޝަންތަކަށް ބާރުދޭން އުޅެނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރިޔާސީ ދެ ކޮމިޝަނަށް ބާރުދިނުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅި އިރު ބޮޑެތި ބާރުތަކެއް އެ ކޮމިޝަންތަކަށް ދިނުމަށް ވަނީ ހިމަނާފައެވެ. އެ ބިލަށް ބައެއް ގާނޫނީ ވަކީލުން ފާޑު ވިދާޅުވެފައިވާއިރު، ބައެއް ގާނޫނީ އެ ބިލަށް ތާއީދުވެސް ކުރެއެވެ.

ދެ ކޮމިޝަނަށް ދިނުމަށް ބިލުގައި ހިމެނޭ ބާރުތައް:

  • ބަލާ މައްސަލަތަކުގައި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަން ހޯދުން
  • ރާއްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުން
  • ތަންތަން ބަލައި ފާސްކުރުމުގައި ފުލުހުންގެ އެހީ ހޯދުން
  • ބަލައި ފާސްކޮށް ތަކެތި ހިފެހެއްޓުން
  • މައްސަލައާ ގުޅުން ހުރި މީހުންގެ ބޭންކް އެކައުންޓް ފްރީޒްކުރުން
  • ކޯޓު އަމުރަށް އެދެވުން
  • ކޮމިޝަނުން ބަލަން ކަނޑައަޅާ މައްސަލަތައް އިތުރު އެއްވެސް މުއައްސަސާއަކުން ނުބެލުން
  • ބަލަން ފަށާ މައްސަލައެއްގެ މައުލޫމާތު އެހެން ތަހުގީގީ އިދާރާއަކުން ހޯދާފައިވާނަމަ އެ މައުލޫމާތާއި ހެކި ކޮމިޝަނާ ހަވާލުކުރަން އެންގުން
  • ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަށް ހުރަސް އެޅުމަކީ ޖިނާއީ ކުށެއް ގޮތުގައި ކަނޑައެޅުން