ޖިއްދާ (ފެބްރުއަރީ 25) ޖައްމޫ ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ ސަލާމަތީ ބާރުތަކާއި ހަރުކަށި ހިންދޫން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހުއްޓުވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރުމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

ޕާކިސްތާން ސަރުކާރުގެ އެދެމުގެ މަތިން ބާއްވާ މިބައްދަލުވުމަކީ އޯއައިސީގެ މެންބަރު ގައުމުތަކުން އެޖަމްއިއްޔާއަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުންގެ ތެރެއިން ކަޝްމީރުގެ މައްސަލައާބެހޭގޮތުން އެކުލަވާލާފައިވާ ކޮންޓެކްޓް ގްރޫޕުން ބާއްވާ އިސްތިސްނާ ބައްދަލުވުމެއް ކަމަށް އޯއައިސީގެ ސެކްރެޓޭރިއަޓުން ބުނެއެވެ. މި އިސްތިސްނާ ބައްދަލުވުމުގައި ކަޝްމީރުގެ މައްސަލައާގުޅޭ ގޮތުން ފަންނީ މައުލޫމާތު ދޭނީ އޯއައިސީގައި ހިމެނޭ ކަޝްމީރުގެ ކޮންޓެކްޓް ގްރޫޕުންނެވެ.

މި ބައްދަލުވުމުގައި ނިންމާ ނިންމުންތައް އަންނަ މާޗް މަހުގެ ފުރަތަމަ ހަފްތާގައި އަބޫދަބީގައި ބޭއްވުމަށް ހަމަޖެހިފައިވާ އޯއައިސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އޯއައިސީގެ ދާއިރާތަކުން ބުނެއެވެ. އޯއައިސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުންގެ އަބޫދަބީގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ ދައުވަތު އިންޑިޔާއާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ޖަންމޫ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތަކުން ދާދިފަހުން ދިން ހަމަލާއެއްގައި އިންޑިޔާގެ ޕެރަމިލިޓްރީ ސިފައިންގެ ސާޅީސް ހަތަރު މީހުން މަރުވުމާ ގުޅިގެން އިންޑިޔާ ސިފައިންވަނީ އަމަން އަމާންކަން ގާއިމް ކުރުމުގެ ނަމުގައި ޖަންމޫ ކަޝްމީރުގައި އަސްކަރީ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންތަކުގައި ކަޝްމީރުގެ މުސްލިމުންނަށް ގޯނާކޮށް އެމީހުންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމުގެ ތުހުމަތު އިންޑިޔާ ސަލާމަތީ ބާރުތަކުގެ މައްޗަށްވަނީ ކުރެވިފައެވެ.

މިމައްސަލާގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ންވަނީ އިންޑިޔާގެ އަމަލުތައް ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައެވެ. ޖައްމޫ ކަޝްމީރުގެ ރައްޔިތުން އެމީހުންގެ މިނިވަންކަމަށް ގޮވާލައި ކުރާ މުޒާހަރާތަކާއި ހިންގަމުން ގެންދާ މިނިވަންކަމުގެ ހަރަކާތްތައް ހުއްޓުވުމަށް އިންޑިޔާ ސިފައިން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކުރަމުން ގެންދާކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވަނީ ތުހުމަތުކޮށްފައެވެ.

ޖަންމޫ ކަޝްމީރުގައި އިންޑިޔާ ސިފައިންނާ ދެކޮޅަށް އެންމެފަހުން ދިން ޙަމަލާތަކަށްފަހު އިންޑިޔާގެ ހިންދޫންގެ ހަރުކަށި ފަރާތްތަކުން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމުގެ ތުހުމަތުވެސް އިންޑިޔާ ސަރުކާރުގެ މައްޗަށް ވަނީ ކުރެވިފައެވެ. އަދި ޖަންމޫ ކަޝްމީރުގެ މައްސަލަ ހައްލުކުރުމާބެޙޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒު ކުރުމަށްވެސް އިންޑިޔާ ގެންދަނީ ދެކޮޅު ހަދަމުންނެވެ. (ނޫސްއެޖެންސީތައް)