11 Oct 2011, 13:08
މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އިޤްތިސޯދީ ހީނަރުކަމާއި، ދައުލަތުގެ ބަޖެޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އަޅާބަލާއިރު ސަރުކާރުގެ ޕްރޮގްރާމްތައް ހިނގަމުންދަނީ، އެދެވޭ ދުވެއްޔެއްގައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާންސަށް ވަޑައިގަތުމުގެ ކުރިން މާލޭ ރަސްމީ ފާލަމުގައި ހުންނަވައިގެނެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ މަސައްކަތްތައް އެދެވޭ ދުވެއްޔެއްގައި ކުރިޔަށްދާ ކަމަށާއި ސާކް ސަމިޓަށް ކުރާ މަސައްކަތްތަކުން އެދެވިގެންވާ ރަނގަޅު ނަތީޖާތަކެއް ހާސިލު ކުރެވޭނެ ކަމަށް އުންމީދު ކުރަައްވާ ކަމަށެވެ.
ރައީސް ފްރާންސަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ބޮޑު ސަމާލު ކަމެއް ދެއްވަން ހަމަޖައްސަވާފައި ވަނީ ރާއްޖޭގެ ބައެއް ރަށްރަށުގެ ފެނާއި، ނަރުދަމާ ހެދުމާއި ތަރައްޤީގެ އެހެން މަޝްރޫއުތަކަށް އެހީ ހޯއްދެވުމަށެވެ. މީގެ އިތުރުން ފްރާންސްގެ ބައިނަލްއަގުވާމީ އެހީ ރާއްޖެއަށް ހޯއްދަވައި ދެއްވުމަށް ވެސް މަސައްކަތްޕުޅު ކުރައްވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި ފްރާންސްގެ ފޮރިން މިނިސްޓަރާއި އެންވަޔަރަންމަންޓް މިނިސްޓަރާ މަޝްވަރާ ކުރައްވާނެއެވެ.