25 Feb 2019, 20:53
ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2019ގައި، އުރީދޫގެ 5ޖީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އޮޕަރޭޓުކުރާ އޭރިއަލް ޓެކްސީ ދައްކާލައިފިއެވެ.
މިއަދު ފެށި މޯބައިލް ވޯލްޑް ކޮންގްރެސްގައި ދުނިޔޭގެ 200 ވަރަަކަށް ގައުމުންް 107،000 ޕްރޮފެޝަނަލުން ބައިވެރިވެއެވެ.
އޭރިއަލް ޓެކްސީއަކީ ޑްރައިވަރަކާ ނުލައި ދުއްވޭ، ނުވަތަ ސެލްފް ޑްރައިވިންގް އުޅަނދެކެވެ. ވައިގެ މަގުން ދަތުރުކުރާ މި އުޅަނދަކީ 5ޖީ ޓެކްނޮލޮޖީވެސް ބޭނުންކުރާ އުޅަނދެކެވެ.
އުރީދޫއިން ބުނީ މި އުޅަނދުގައި އުރީގޫގެ 5ޖީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޗައިލްޑް ލޮކޭޝަން މޮނީޓަރިންގްއާއި ސްޓޭޑިއަމްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންކަން ހިމެނޭނެ ކަމަށެވެ. މިކަންކަމުގެ އަޖުބަ ބަލައިލުމުގެ ކަންކަންވެސް މޯބައިލް ވޯލްޑް ކޮންގްރެސްގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ގަތަރުގެ ވެރިރަށް ދޯހާގެ މަތިން ދަތުރުކުރުން ސިމިއުލޭޓްކޮށްދޭ ވާޗުއަލް ރިއަލިޓީ އެކްސްޕީރިއަންސްވެސް އޭރިއަލް ޓެކްސީގައި ދަނީ ދައްކާލަމުންނެވެ.
އުރީދޫއިން އެންމެ ފުރަތަމަ ފަހަރަށް 5ޖީ ނެޓްވޯކް ލޯންޗްކުރީ ގަތަރުގައެވެ. އަދި އެ ގައުމުގައި 5ޖީގެ 1،200 ނެޓްވޯކް ސްޓޭޝަން ގާއިމުކޮށް، މުޅި ގަތަރަށް އެ ޓެކްނޮލޮޖީ ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެ ގައުމުގައި އުރީދޫގެ 100 އަށް ވުރެ ގިނަ ލައިވް 5ޖީ ސައިޓު ހުންނަ އިރު، އުރީދޫއިން ވަނީ އިންޑޮނީޝިއާ ރާއްޖެ އަދި ކުވެއިތުގައި 5ޖީ ޓެކްނޮލޮޖީ ޓެސްޓުކޮށްފައެވެ. މިޔަންމާގައި 5ޖީގެ ޓެކްނޮލޮޖީ ސެންޓަރެއްވެސް ގާއިމުކޮށްފައިވެއެވެ.
އުރީދޫ ގްރޫޕުގެ ސީއީއޯ ޝައިޚް ސައުދު ބިން ނާސިރު އަލްސާނީ ވިދާޅުވީ އުރީދޫއިން ވަނީ މުޅި ދުނިޔޭގައިވެސް 5ޖީ ޓެކްނޮލޮޖީއިން ކުރި ހޯދާފައި ކަމަށެވެ.
އަދި މޯބައިލް ވޯލްޑް ކޮންގްރެސްގައި އުރީދޫގެ 5ޖީ ޑެމޮންސްޓޭޝަންތަކާށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބޭނެކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވިއެވެ.