25 Feb 2019, 18:57
ވައްކަމުގެ ތުހުމަތުގައި މެލޭޝިއާގައި ހައްޔަރުކުރި އޭދަފުށީ ކައުންސިލްގެ ޒިންމާދާރުވެރިޔާ ނިއުމާ އަހްމަދު އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ.
ނިއުމާ މެލޭޝިއާގައި ހައްޔަރުކޮށްފައިވަނީ އެގައުމުގެ އަންނައުނު ވިއްކާ މަޝްހޫރު ތަނެއް ކަމަށްވާ ޕަޑިނީއިން ވައްކަންކުރިކަމަށް ބުނެއެވެ.
އެ މައްސަލަައިގައި ނިއުމާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މެލޭޝިއާގެ ފުލުހުންގެ ބެލުމުގެ ދަށުގައިވެސް ހޭދަކޮށްފައެވެ. އަދި އޭނާ މަސައްކަތަށް ނުކެމެފައިވަނީ އިއްޔެއެވެ. އެއީ ނިއުމާގެ ޗުއްޓީ ހަމަވި ދުވަސްވެސް މެއެވެ.
ނިއުމާ ސަސްޕެންޑް ކުރުމަށް ފަހު އެ މަގާމާ ވަގުތީ ގޮތުން ހަވާލުވުމަށް އެ އޮފީހުގެ ފައިނޭންސް އޮފިސަރު އިބްރާހީމް ޝިފާއުއަށް ސިވިލް ސާވިސްއިން ވަނީ ޗިޓުވެސް ފޮނުވައިފައެވެ. އެކަން އޭނާ ވަނީ "ސަން" އަށް ކަށަވަރުކޮށްދީފައެވެ.
ވައްކަމުގެ ތުހުމަތާ ގުޅިގެން ގިނަ ބައެއްގެ ފާޑިކިޔުން ނިއުމާއަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް ނިއުމާގެ އާއިލާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ވައްކަމުގެ ތުހުމަތުގެ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އެއީ ޒާތީ ކަމެއް ކަމަށާއި އަދި އެކަމާމެދު މައުލޫމާތު ދެވެން ނެތް ކަމަށެވެ.
އޭދަފުށީގެ ކަތީބުކަން ވެސް ކުރައްވާފައިވާ ނިއުމާވަނީ ރަށު ކައުންސިލުގެ ޒިންމާދާރުވެރިޔާގެ މަގާމުގައި ދިހަ އަހަރު ހިދުމަތްކޮށްފަ އެވެ.