މުސާރައާއި އެހެނިހެން ޝަކުވާތަކާ އެކު ފަނޑިޔާރުންތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ޕެޓިޝަނުގައި ސޮއިކުރައްވާފައި ވަނީ 107 ފަނޑިޔާރުންނެވެ.

އެ ޕެޓިޝަނުގައި ފަނޑިޔާރުން އެދިފައި ވަނީ ހަ ކަމަކަށެވެ. އެއީ މުސާރައާއި އިނާޔަތްތަކާ ގުޅޭ ހަތަރު ކަމެއް އަދި މަގާމުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާ ބެހޭ ދެ ކަމެކެވެ.

މުސާރައާއި އިނާޔަތާ ގުޅޭ ހަތަރު ކަމެއް

  1. މުސާރަ ދިނުމުގެ އޮނިގަނޑު ބަދަލު ކުރުން
  2. ބޯހިޔާވަހި ކަމަށް ފަހި ގޮތްތަކެއް
  3. މެޖިސްޓްރޭޓުންނަށް ކޯޓު ފަޓުލޫނު އެލަވަންސް ދިނުން
  4. މެޖިސްޓްރޭޓުންނަށް ފޯނު އެލަވަންސް ދިނުން

އެންމެ ފަހުން ފަނޑިޔާރުންނަށް މުސާރަދޭނެ ގޮތަކާ ބެހޭ އޮނިގަނޑެއް މަޖިލީހުން އެކުލަވާލީ މީގެ ނުވަ އަހަރު ކުރިންކަމާއި އަދިވެސް އަމަލު ކުރަމުން ދަނީ އެ އޮނިގަނޑުގެ ދަށުންކަން އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ. އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެ އޮނގަނޑަށް ނުވަ އަހަރު ވެފައިވާ އިރު އެ މުއްދަތުގެ ތެރޭގައި، ދިރިއުޅުމުގެ އަގު އުފުލިފައިވާ ކަމަށެވެ. އެ ބަދަލާ އެއްގޮތަށް ދައުލަތުގެ އެހެން މުއައްސަސާތަކުގެ މުވައްޒަަފުންގެ މުސާރަ މާޒީގައި ބޮޑުވެފައިވީ ނަމަވެސް، ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްފައި ނުވާ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ. އެހެންކަމުން، މިހާރު ދިރިއުޅުމުގެ ހަރަދު ބޮޑުވެފައިވާ މިންވަރަށް ބެލުމަށް ފަހު ފަނޑިޔާރުންގެ މުސާރައިގެ އޮނިގަނޑު ބަދަލުކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެ ޕެޓިޝަނުގައި އެދިފައިވެ އެވެ.

އޭގެ އިތުރުން، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެންމެ މުހިންމު އެއް ބާރުކަން އެ ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް، މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އެހެން އިދާރާތަކާއި، ކުންފިނިތަކުގެ މުވައްޒަފުންނަށް ހާއްސަ ސްކީމްތަކުގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ އިރު އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެފަދަ ފަސޭހަ ގޮތްތައް ހަމަޖައްސާފައި ނުވާ ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ. އެހެން ކަމުން، އެ ބާރުގައި މަސައްކަތް ކުރާ މުުވައްޒަފުންނަށް ވެސް ބޯހިޔާވަހިކަން ލިބޭނެ ފަހި ގޮތްތަކެއް ހަމަޖައްސައި ދިނުމަށް އެ ޕެޓިޝަނުގައި އެދިފައިވެ އެވެ.

އެ ޕެޓިޝަނުގައި ދެން އެދިފައި ވަނީ މެޖިސްޓްރޭޓުންނަށް ވެސް ކޯޓު ފަޓުލޫނު ގަތުމުގެ އެލަވަންސް ދިނުމަށެވެ. އެ ޕެޓިޝަނުގަައި ވަނީ ވަލީކުންމަށް ޝަރީއަތުގެ މަޖިލީހަށް ވަދެވޭނީ ކޯޓުފަޓުލޫނުގައި ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 95 ވަނަ މާއްދާގައި ބުނެފައިވާކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން، މައްސަލަ ބައްލަވާ ފަނޑިޔާރު އާދައިގެ ހެދުމުގައި އިންނެވުމަކީ ހަމަޖެހޭ އުސޫލެއް ކަމުގައި ނުދެކޭ ކަމަށް އެ ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ. އަދި މާލޭގައި މަސައްކަތް ކުރާ ބައެއް ފަނޑިޔާރުންނަށް ކޯޓުފަޓުލޫނު އެލަވަންސެއް ދޭ އިރު އަނެއްބައި ފަނޑިޔާރުންނަށް ކޯޓުފަޓުލޫނު ފޯރުކޮށްދޭ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، ހަމަހަމަ ވުމުގެ ގޮތުން މެޖިސްޓްރޭޓުންނަށް ވެސް ކޯޓު ފަޓުލޫނު އެލަވަންސް ދިނުމަށެވެ.

އޭގެ އިތުރުން، މެޖިސްޓްރޭޓުނަށް ފޯނު އެލަވަންސް ދިނުމަށް ވެސް އެ ޕެޓިޝަނުގައި އެދިފައިވެ އެވެ. އެ ޕެޓިޝަނުގައި ބުނެފައި ވަނީ މާލޭގައި ސުޕީރިއާ ކޯޓެއްގައި މަސައްކަތް ކުރައްވާ ކޮންމެ ފަނޑިޔާރަކަށް އަދި މެޖިސްޓްރޭޓުންގެ ދަށުން މަސައްކަތް ކުރާ އެޑްމިނިސްޓްރޭޓަރުންނަށް ވެސް މަހުން މަހަށް ފޯނު އެލަވަންސްދޭ އިރު މެޖިސްޓްރޭޓުންނަށް އެ އެލަވަންސް ނުދޭ ކަމަށެވެ. މެޖިސްޓްރޭޓުންނަކީ ކޯޓުގެ އެންމެހާ އިދާރީ މަސައްކަތުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ފަރާތްތައް ކަމުގައިވާތީ މެޖިސްޓްރޭޓުންނަށް ފޯނު އެެލަވަންސް ދިނުމަށް އެ ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.

މަގާމުގެ ރައްކާތެރިކަމާ ގުޅޭ ދެ ކަމެއް

  1. ފަނިޑޔާރުންގެ ގާނޫނަށް ގެނައި ފަސްވަނަ އިސްލާހު އުވާލުން
  2. ފަނޑިޔާރެއްގެ ނުރުހުމުގައި މަސައްކަތް ކުރާ ކޯޓު ބަދަލު ނުކުރުން

ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހަކީ ފަނޑިޔާރުންގެ މައްޗަށް އެހެން ފަރާތްތަކުގެ ބާރާއި ނުފޫޒު ފޯރުވޭނެ މަގު ހުޅުވި، ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި ފަނޑިޔާރުންގެ ގާނޫނުގެ (ހ) އާއި (ށ)ގެ މަގުސަދާއި ހިލާފު އިސްލާހެއް ކަމަށް ގަބޫލު ކުރެވޭތީ އެ އިސްލާހު އުވާލުމަށް މަޖިލީހަށް ހުށަހެޅުމަށް ވެސް އެ ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނައި ފަސްވަނަ އިސްލާހަކީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެ ފަނޑިޔާރެއްގެ ފަނޑިޔާރުކަން ގެއްލޭނެ ގޮތަށް ގެނައި އިސްލާހެކެވެ.

އޭގެ އިތުރުން، ފަނޑިޔާރަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާއެއް ޖޭއެސްސީއިން ބެލުމަށް ފަހު، ފަނޑިޔާރެއްގެ މައްޗަށް އެޅޭ ތައުދީބީ ފިޔަވަޅަކުން ނުވަތަ ފަނޑިޔާރަކު އެދިގެން ނޫން ގޮތަކަށް އެ ފަނޑިޔާރެއްގެ ނުރުހުމުގައި އެ ފަނޑިޔާރަކު މަސައްކަތް ކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލު ނުކުރުމަށް އެ ޕެޓިޝަނުގައި ވަނީ އެދިފަ އެވެ.