25 Feb 2019, 17:25
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އިތުރުކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރިޔަސް އެއީ އެ ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ އަގު ވެއްޓި އިތުބާރު ގެއްލިދާ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓުތަކުން އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ.
"ނަވާރަ ވަނަ މަޖިލީހުގެ އިންތިހާބުގައި ކުރިމަތި ލުމުގެ މުއްދަތު އިތުރުކުރުމަކީ ސުޕްރީމް ކޯޓަށް އަމުދުން ކުރެވޭނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމްކޯޓުގެ އެ އަމަލަކީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި ފާއިތުވި ތަނުގައިވެސް ރާއްޖޭގެ ޖުޑީޝިއަރީގެ އަަމަލުތަކުގެ ސަބަބުން ޑިމޮކްރަސީއަށް ހުރަސް އެޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Supreme Court is meddling in elections - again. Ruled candidates who lost primaries can nonetheless contest, & have extended deadline for papers to be filed. This is judicial over-reach. Maldives has suffered terribly in past from judicial meddling in the democratic process.
— Mohamed Nasheed (@MohamedNasheed)February 25, 2019
މިއަދު ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް، ނާކާމިޔާބުވާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. އަދި ޕްރައިމަރީތަކުން ބަލިވި މީހުންގެ ތެރެއިން އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާޗު ހަތަރަކާ ހަމައަށް ހުޅުވާލުމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުމަށް އެމްޑީޕީއިން ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ. އަދި މިއީ އެ ޕާޓީއަށް އަމާޒުކޮށް ނިންމި ނިންމުމެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން 77 ދާއިރާގެ މަޖިލިސް ޕްރައިމަރީ ވަނީ ބާއްވާފައެވެ. އެންމެ ބޭފުޅަކު ކުރިމަތިލާފައި ވުމުން އެމްޑީޕީގެ ނުވަ ދާއިރާގެ ޕްރައިމަރީ ނުބާވައެވެ. އެ ޕާޓީން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަނީ 86 ދާއިރާ އަށެވެ.
މީގެ އިތުރުން އިދިކޮޅު "ޕްރޮގްރެސިވް ކޮންގްރެސް" ކޯލިޝަނުން ވަނީ ހަ ދާއިރާގެ ޕްރައިމަރީ ބާއްވާފައެވެ. އެކޯލިޝަންގެ ފަރާތުން ވާދަ ކުރައްވާ ބާކީ 43 ދާއިރާގެ ޓިކެޓް ދީފައިވަނީ ޕްރައިމަރީ އަކާ ނުލައެވެ. އެކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވަނީ 49 ދާއިރާ އަށެވެ. އެ ޕާޓީއައެކު މަސައްކަތް ކުރައްވާ ޑީއާރުޕީން ވާދަ ކުރައްވަނީ، ފަސް ދާއިރާ އަށެވެ.