25 Feb 2019, 17:08
ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ހިމާޔަތްދޭން މަޖިލީހަށް ހުށަހެޅި "ވިސަލްބްލޯ ކުރާ ފަރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ބިލް"އަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
ވިސްލްބްލޯވަރުންނަށް ގާނޫނީ ހިމާޔަތް ދިނުމަށް ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. އެ ބިލު ބަލައި ގަންނަން ފާސްކޮށްފައިވަނީ 42 މެމްބަރުންގެ ވޯޓުންނެވެ. އެ ބިލު މަޖިލީހަށް ބަލައިގަތުމާއެކު ބިލު ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އެ ބިލަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ އިިއުލާނުގައިވާ ގޮތުން އެ ބިލަށް ހިޔާލު ހުށަހެޅޭނީ އަންނަ މާޗް މަހުގެ 20 ވަނަ ދުވަހުގެ 10:00ގެ ނިޔަލަށެވެ. ބިލަށް ހިޔާލު ހުށަހެޅޭނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އީމެއިލެއް ފޮނުވައިގެން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހަޅައިގެންނެވެ.
ބިލުގައިވާ ކަންތައްތައް
ކޮރަޕްޝަން ހާމަ ކުރާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ދިނުމާ ބެހޭ ބިލުގައިވާ ގޮތުން ވިސްލްބްލޯ ކުރެވިދާނެ ފަރާތްތަކަކީ ދައުލަތުގެ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ފަރާތެއްގެ މުވައްޒަފެއް ނުވަތަ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައިސިއްޔަތު ލިބިފައިވާ ގާނޫނީ އެއްވެސް ޝަހުސެކެވެ.
އެ ބިލުގައިވާ ގޮތުން ގާނޫނީ ޒިންމާއެއް އާދަ ނުކުރުމާއި އިންސާނީ ހައްގަކާއި ހިލާފުވި ކަމުގެ މައުލޫމާތު ހިމާޔަތާ އެކު ހާމަ ކުރެވޭނެއެވެ. އޭގެ އިތުރުން ކޮރަޕްޝަނާއި، ތިމާވެއްޓަށް ނުރައްކާވާ ކަންކަން ކުރުމާއި، ދައުލަތުގެ މަގާމުގެ ނުފޫޒެއް ނާޖާޒު ގޮތުގައި ބޭނުން ކުރާނަމަ އެކަމުގެ މައުލޫމާތު ހާމަ ކުރުމަކީވެސް ވިސްލްބްލޯވް ކުރުމަށް ބިލުގައި ވަނީ ބުނެފައެވެ.
އެފަދަ މައުލޫތު އެނގޭ ފަރާތްތަކުން އެ މައުލޫމާތު ހާމަ ކުރެވޭނެ ގޮތްތަކެއްވެސް ވަނީ ބިލުގައި ލިޔެފަ އެވެ. އެގޮތުން ސިޓީ، ފެކެސް، މެސެޖް، ފޯންކޯލް، ފަދަ ޒަރީއާތަކުން މައުލޫމާތު ހާމަ ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
ކޮރަޕްޝަނުގެ މައްސަލަތައް އާންމުކުރާ ފަރާތްތަކަށް ގާނޫނީ ގޮތުން ގިނަ ހިމާޔަތްތަކެއް ލިބިދެވޭ ގޮތަށް ބިލު ވަނީ ފަރުމާކޮށްފައެވެ. އެގޮތުން މައުލޫމާތު ހާމަ ކޮށްގެން ވަޒީއިން ވަކި ކުރުމާއި ޒިންމާއިން އެކަހެރި ކުރުމާއި ގެއްލުންދިނުމާއި ބިރު ދެއްކުން ފަދަ ކަންކަން ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
މައުލޫމާތު ހާމަކުރާ ފަރާތްތަކުގެ ވަނަވަރު ސިއްރު ކުރުމަށްވެސް ބިލުގައި ވަނީ ބުނެފައެވެ. އެގޮތުން ނަމާއި އެޑްރެސް އުމުރު އަދި އާއިލާއާ ބެހޭ މައުލޫމާތު ސިއްރުކޮށްފައި ބާއްވަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. ވިސްލްބްލޯ ކުރާ ފަރާތުން ދޭ މައުލޫމާތަކީ އެފަރާތުން އެކަން ހިނގިކަން ސާބޮތުކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ބިލުގައި ވަނީ ބުނެފައެވެ.
ވިސްލްބްލޯ ކުރަން އުޅެގެން ނުވަތަ ކޮށްގެން އެކަން ހުއްޓުވަން ނުވަތަ އިންޒާރުދީ ހެދުމަކީ ގާނޫނީ ކުށެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ. އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަ މަސް ދުވަހާއި ދެމެދުގެ ޖަލު ހުކުމެކެވެ.