25 Feb 2019, 16:29
ގައުމީ މަންހަޖު މުރާޖާ ކުރުމަށް ބޭއްވި މަހާސިންތާ އިއްޔެ ނިންމާލައިފި އެވެ.
ގައުމީ މަންހަޖު މުރާޖާ ކުރުމުގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް މަހާސިންތާ ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދެއް ވެސް މެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ދަރުބާރުގޭގައި ފެށި އެ މަހާސިންތާ އިފްތިތާހްކޮށްދެއްވީ ރައީސް ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެވެ.
އެ މަހާސިންތާގައި ގިނަ އަަދަދެއްގެ ޓީޗަރުންނާއި، ޕްރިންސިޕަލުންނާއި އަދި ލިީޑިން ޓީޗަރުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ގައުމީ މަންޖަހު މުރާޖާކުރުމުގެ މަހާސިންތާގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެ މަހާސިންތާއާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ އެ މަހާސިންތާގައި ގިނަ ކަންތައްތަކެއް މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން މިހާރު ސްކޫލުތަކުގައި ގެންގުޅޭ ޓެކްސް ފޮތްތައް މުރާޖާ ކުރުމާއި މިހާރު އަމަލުކުރަމުންދާ މަންހަޖަށް ޓީޗަރުން އިތުރަށް ތަމްރީން ކުރުމާ މެދު މަޝްވަރާކުރެވުނު ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
އަދި އޭގެ އިތުރުން ސްކޫލު މާހައުލަކީ ކުދިންނާ ރައްޓެހި އުފާވެރި މާހައުލަކަށް ހެދުމުގެ މުހިންމު ކަމާއި އަދި އެކަމުގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.