25 Feb 2019, 15:27
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މާޗު ހަތަރު ވަނަ ދުވަހުގެ ރޭ ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނާއި ފުލުހުންނާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ އިން ބަލިވާ މީހުންނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމި ކޯޓުން މިއަދު ނިންމުމާ އެކު، ޕްރައިމަރީ އިން ބަލިވި މީހުންގެ ތެރެއިން އިންތިހާބުގައި ވާދަ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މާޗް ހަތަރު ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
"ހަތަރު ވަނަ ދުވަހުގެ ރޭ އަޅުގަނޑުމެން [ކެންޑިޑޭޓުންގެ ގުރުއަތުލުމާ އިއުލާނު ކުރުން] ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން،" ޝަރީފް ވިދާޅުވި އެވެ.
މިއަދު ފުލުހުންނާ އެކު ސޮއިކުރެވުނު އެއްބަސްވުމާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ވޯޓު ކަރުދާހުގެ ޕްރިންޓިން މަސައްކަތް ކުރާ ތަނާއި ސެކިއުރިޓީ ރޫމުގައި ވޯޓު ކަރުދާސްތައް ބަހައްޓާ އިރު ފުލުހުން ސެކިއުރިޓީ ބަލަހައްޓަނެ ކަމަށެވެ.
އަދި ކެމްޕޭނު ހަރަކާތްތަކުގައި ހިނގާ ކަންތަކުގައްޔާއި ކެމްޕޭނާ ގުޅުން ހުރި ކަންތަކުގައި ހިނގާފާނެ ހަމަނުޖެހުންތައް ފުލުހުން ބަލަހައްޓާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ހއ. ފިއްލަދޫގެ ދެ ކައުންސިލަރަކު އިސްތިއުފާ ދިނުމާ ގުޅިގެން އެ ރަށު ކައުންސިލްގެ ބައި އިލެކްޝަނަށް މިއަދު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް މިއަދު ވިދާޅުވި އެވެ.
ފަހުމުނާމާގައި ސޮއިކުރެއްވުމަށް ފަހު އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ވިދާޅުވީ މިއަދު ސޮއިކުރެވުނު ފަހުމުނާމާ އެކު މަޖިލިސް އިންތިހާބާ ގުޅޭ ކަންތަކުގެ ތެރެއިން ފުލުހުންގެ މެންޑޭޓުގައި ހިމެނޭ ކަންތައްތައް އިލެކްޝަންސް އާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
"ފާއިތުވެ ދިޔަ އިންތިހާބުތަކާ ގުޅިގެން ވެސް ފުލުހުންގެ މުވައްސަސާ އިން ކުރިއަށް ގެންދިޔަ މަސައްކަތްތައް މިފަހަރު ވެސް ކުރިއަށް ގެންގޮސް މިފަހަރުގެ އިންތިހާބަކީ ރައްކާތެރިކަމާ އެކު އަމާން އަމާއެކު ކުރިއަށް ގެންދެވޭނެ އިންތިހާބަކަށް ވާނެ،" ހަމީދު ވިދާޅުވި އެވެ.
އިންތިހާބުގެ ސަލާމަތީ ކަންތައްތަކަށް ފުލުހުން މިހާރު ވެސް ތައްޔާރުވެފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި ފުލުހުން ދެމިތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.