25 Feb 2019, 15:21
ދިއްލީ (ފެބްރުއަރީ 25): އިންޑިއާގެ އާސާމުގައި ވިހަ ބަނގުރަލެއް ބޮއެގެން މަރުވި މީހުންގެ އަދަދު 154 އަށް އަރައިފި އެވެ.
އާސާމްގެ ގޮލާގަތު ޑިސްޓުރިކްޓުގެ އެޑްމިނިސްޓްރޭޓަރު ދިރެން ހަޒަރިކާ ވިދާޅުވި ގޮތުގައި ވިހަ ރާ ބޮއިގެން ފުރަތަމަ މީހާ މަރުވީ މިދިޔަ ބުރާސްފަތި ދުވަހެވެ. އަދި އެރާ ބޮއިގެން ބަލިވެފައިވާ 200 އަށް ވުރެ ގިނަ މީހުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި އެމީހުން މަރުވެފައި ވަނީ ގަވާއިދާ ހިލާފަށް ކައްކާފައިވާ ރާ ބޮއެގެންނެވެ. އަދި ފުލުހުން މިހާރު ދަނީ އެބަނގުރާ ހަދަން ބޭނުންކޮށްފައިވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރުމުންނެވެ. އެހާދިސާ ގުޅިގެން މިހާތަނަށް 34 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެހާދިސާގައި މަރުވި މީހުންނާއި ބަލިވި މީހުންގެ ތެރޭގައި ގިނައީ އެސްޓޭޓުގެ ސައިފަތް ދަނޑުތަކުގައި މަސައްކަތް ކުރާ ފަގީރު މީހުންނެވެ.
އާސާމުގައި އެހާދިސާ ހިނގުމުގެ ކުރިން ހަމަ މި މަސްތެރޭ އުއްތަރަ ޕްރަދޭޝް އާއި އުއްތަރަކަންދުގައި ވިހަ ރަލެއް ބޮއެގެން ގާތްގަނޑަކަށް 100 މީހުން ވަނީ މަރުވެފައިވެ އެވެ.