ލެއިސްޓާ ސިޓީގެ ކޯޗުކަމުގެ މަގާމުން ކުލޯޑް ޕުއެލް ދުރުކޮށްފައިވާ ކަމަށް އެކުލަބުން ބުނެފި އެވެ.

ވޭތުވެ ދިޔަ ހަފްތާތަކުގައި ލެއިސްޓާގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ޕުއެލް ޓީމުން ވަކި ކުރަން އުޅޭ ކަމުގެ ހަބަރުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފަ އެވެ. މިދިޔަ ހޮނިހިރު ދުވަަހު އަމިއްލަ ދަނޑުގައި ކުޅެ ކުރިސްޓަލް ޕެލަސް އަތުން ލެއިސްޓާ 1-4 އިން ބަލިވި މެޗާ ގުޅިގެން ލެއިސްޓާ އިން ވަނީ ކޯޗު ކަމުން ޕުއެލް ދުރު ކުރި ކަމަށް އިއުލާން ކޮށްފަ އެވެ.

އެ މެޗަށް ފަހު ލެއިސްޓާގެ ސަޕޯޓަރުން ވަނީ ކިންގް ޕަވާ ސްޓޭޑިއަމްގައި މަޑުކޮށް ކޯޗު މަގާމުން ދުރު ކުރުމަށް ބުނެ އަޑު އުފުލައިފަ އެވެ. މި އަހަރު ކުޅުނު އެއްވެސް މެޗަކުން އަމިއްލަ ދަނޑުގައި މޮޅުވެފައި ނުވާ ލެއިސްޓާ އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.

އިއްްޔެ ލެއިސްޓާ ސިޓީ އިން ނެެރުނު ބަޔާނެއްގައ ބުނެފައި ވަނީ އެކުލަބާއި ކޯޗު ކްލޯޑް ޕުއެލް އާއި ދެމެދުވާ އެއްބަސްވުން އުވާލާފައިވާ ކަމަށާއި މިއަދުން ފެށިގެން އެ ޓީމުގެ ކޯޗުކަމުން އޭނަ ދުރު ކޮށްފައިވާ ކަމަށެވެ.

"ކުލޯޑް ޕުއެލް މި ކުލަބަށް ކޮށްދިން ހުރިހާ ކަމަކަށާއި 16 މަސް ވަންދެން ޓީމަށް ކޮށްދިން ހިދުމަތް ތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މުސްތަގުބަލުގައި ވެސް އެދެނީ މި ދާއިރާގައި ފާގަތި ދުވަސްތަކެއް،" ލެއިސްޓާ ސިޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޓީމުގެ އެސިސްޓެންޓް ކޯޗު ޖެކީ ބޮނެވޭ ވެސް ހެޑް ކޯޗާ އެކު ޓީމުން ވަކި ކުރެވިފައިވާ ކަމަށާއި ވަގުތީ ގޮތުން ޓީމު ހިންގުމާއި ހަވާލުވާނީ ޓީމުގެ ކޯޗިންގް ޓީމުގެ ތެރޭގައި ހިމެނޭ މައިކް ސްޓޮވެލް އާއި އެޑަމް ސެޑްލާ ކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ. އަދި މިހާރު ޓީމަށް ހެޑް ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެކުލަބުން ވަނީ ބުނެފަ އެވެ.

މީގެ ތިން އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގު ލެއިސްޓާއި ކާމިޔާބު ކުރުމަށް ފަހު އަހަރަކަށް ވުރެން އަހަރެއް އަންނަނީ ޓީމު ބަލިކަށި ވަމުންނެވެ. އަދި ދާދި ފަހުން ދިމާވި ހިތާމަވެރި ހާދިސާއެއްގައި އެ ކުލަބުގެ ރައީސް ވެސް ވަނީ ނިޔާވެފަ އެވެ.