މަގުމަތީގެ ތޮއްޖެހުން ހައްލު ކުރުމުގެ ގޮތުން ސިޓީތަކުގައި ވެހިކަލް ބޭނުންކުރުން ކޮންޓްރޯލް ކުރުމަށް ވެހިކަލް ރަޖިސްޓްރީ ކުރުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް ވިދާޅުވެއްޖެ އެވެ.

މާލޭގެ މަގުތައް ތޮއްޖެހެމުންދާ މައްސަލަ އަށް ހައްލެއް ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އާދިލް ސަލީމް ވިދާޅުވީ، އެކަން ކޮންޓްރޯލް ކުރެވޭނީ ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކުރެވިގެން ކަމަށެވެ. އަދި ޕަބްލިލް ޓްރާންސް ޕޯޓެއް ނެތުމުގެ ސަބަބުން މަގުތަކުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ވިދާޅުވެ، ތޮއްޖެހުން ކުޑަ ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާކިން ސަރަހައްދުތައް އިތުރު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދޭ. އެކަމަކުން މައްސަލަ ހައްލުވާނެ ކަމަކަށް ގަބޫލެއްނުކުރަން. ގަބޫލު ކުރަނީ މާލެ އާއި އެހެން ސިޓީތަކުގައި ވެސް ވެހިކަލް ކޮންޓްރޯލް ގެންނަން ޖެހޭނެ ކަމަށް. އެހެންކަމުން ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެންނަން އުޅޭ އިސްލާހްގައި ވެހިކަލް ކޮންޓްރޯލް ކުރުމުގެ ވަރަށް ގިނަ ފިޔަވަޅުތަކެއް އެޅިފައިވާނެ." އާދިލް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެހިކަލް ކޮންޓްރޯލް ކުރުމަށް ގެންގުޅުއްވާ ވިސްނުމަކީ ކޮންމެ އަހަރަކު ވަކި އަދަދެއް ކަނޑައަޅައި ބީލަމުގެ އުސޫލުން ބަޔަކަށް ދީގެން އެ އަދަދު ވިއްކައިގެން ވެހިކަލް ކޮންޓްރޯލް ކުރުން ކަމަށެވެ. އަދި ތެޔޮ އަންދައިގެން ވިހަގޭސްތައް ދޫކުރާ ވެހިކަލް މަދުކުރުގެ އުސޫލެއް ވެސް ގަވާއިދުގައި ކަނޑައެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ގާއިމްކޮށް ބަސް ދުއްވަން ފެށުމުން ދުވާލަކު 2000 އަށް ވުރެ ގިނަ މީހުން އެ ހިދުމަތް ބޭނުން ކުރަމުންދާ ކަމަށެވެ. އަދި މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލުކުރުމަށް އެ މިނިސްޓްރީގެ މަސައްކަތްތައް ވީވަރަކުން ލާމަރުކަޒުކޮށް ރާއްޖޭގެ ޕޮޕިއުލޭޝަން ސެންޓަރުތަކުގައި ޓްރާސްޕޯޓްގެ ހިދުމަތްތައް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެއްގަމު ދަތުރު ފަތުރުގެ ގާނޫނާ ގުޅިގެން ހަދަން ޖެހޭ 18 ގަވާއިދުގެ ތެރެއިން 13 ގަވާއިދު ޑްރާފްޓްކޮށް ނިމި ބައެއް ގަވާއިދުތަކަށް އެޓާނީޖެނެރަލްގެ ލަފާ ވެސް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއްގަމު އުޅަނދު ޕާކް ކުރުމުގެ ގަވާއިދާއި ރަޖިސްޓްރީ ކުރުމާއި ޑޮމެއިން ނަންބަރު ބޭނުން ކުރުމުގެ ގަވާއިދުގެ އިތުރުން އިންޝުއަރެންސް ކުރުމާއި މުދާ އުފުލުމުގެ ގަވާއިދު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލޭގައި ހުރި މުދާ ގުދަންތައް މަދު ކުރުމަށް، ގުޅީފަޅާއި ތިލަފަޅަށް ގުދަންތައް ގެންދިއުމަށް ބޭނުންވާ ފެރީގެ ހިދުމަތް ދިނުމަށް އިއްލާން ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް އިޖާބަ ލިބި ދަތުރުތައް ފެށުމުން މާލޭގައި ދިމާވެފައިވާ ގުދަންތަކުގެ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.