ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ދެ ރިޔާސީ ކޮމިޝަންއަށް ބާރުދޭ ގޮތަށް ހުށަހެޅި ބިލް މަޖިލީހުގެ ގާނޫނީ އަދަދު ހަމަނުވެގެން މިއަދު ވެސް ވޯޓަށް އެހޭ ގޮތެއް ނުވިއެވެ.

އެއް މަސް ދުވަހަށްވުރެން ގިނަ ދުވަހުގެ ޗުއްޓީއަކަށްފަހު މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހި ގަޑީގައި ހާޒިރުވެފައިވަނީ 42 މެންބަރުންނެވެ.

މަޖިލީހުގައި ވޯޓަށް އެހުމަށް ހުރު އެހެނިހެން ބިލްތަކަށް ވޯޓަށް އެހުމަށްފަހު މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެ ދެ ބިލަށް ވޯޓަށް އެހޭނީ 43 މެންބަރުން ހާޒިރު ވެގެން ކަމަށެވެ.

ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން، ރައޔްިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގައެވެ.

ރައީސް ސޯލިހް ވެރިކަމުގެ ފުރަތަމަ ދުވަހު އެކުލަވާލި ރިޔާސީ ދެ ކޮމިޝަނަށް ބާރުދިނުމަށް މަޖިލިހަށް ހުށަހަޅާފައިވާ ދެ ބިލް ކޮމިޓީ މަރުހަލާ ނިމި، މަޖިލީހުގެ ތަޅުމަށް ވޯޓަށް އެހުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހަށް ތާވަލު ކުރި ނަމަވެސް ކޯރަމް ހަމަ ނުވުމުގެ ސަބަބުން ބިލް ފާސްނުވެ މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

އެ ދެ ބިލްގެ އިތުރުން ވެސް މަޖިލީހުން ފާސްކުރަން ޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ރައީސް ސޯލިހުގެ އިތުރުން ސަރުކާރުގެ ކޯލުޝަނުގެ ހަތަރު ލީޑަރުން އެއްބަސްވުމަކަށް އައި ނަމަވެސް ޗުއްޓީ ނިމިގެން ދިޔައިރު ވެސް އެ ޖަލްސާ ބޭއްވޭގޮތެއް ނުވި އެވެ.

އެ ދެ ބިލްގެ އިތުރުން ޕެންޝަން ފަންޑްގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހަށް ވެސް މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައެއް ނުވެ އެވެ.