ޝަހީދުއަލީހިނގުން، ރާނބާ ރެސްޓޯރެންޓު ކައިރީ ހަދަމުން ދިޔަ އިމާރާތަކުން ލަކުޑި ފިލައެއް ވެއްޓުމުން އެ ކޮންސްޓްރަކްޝަން ސައިޓުގައި ތިބި މަސައްކަތު މީހުން ފިލައިފި އެވެ.

ފުލުހުން ބުނީ ފިލާ ގަނޑު ވެއްޓުނީ މަގުން ހިނގާފައި ދިޔަ މީހެއްގެ ކުރިމައްޗަށް ކަމަށާއި އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރަންތިބި ބިދޭސިން ފިލާފައިވާ ކަމަށެވެ.

އެމައުލޫމާތު ހައުސިން މިނިސްޓްރީ އަށާއި ސިޓީ ކައުންސިލަށް ހިއްސާ ކުރުމުން އެ އިދާރާތަކުން ސައިޓަށް ހާޒިރުވެފައިވާ ކަމަށާއި. ބިދޭސިންގެ މައްސަލަ އިމިގްރޭޝަނާ ވެސް ހިއްސާ ކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ފަހަކަށް އައިސް ކޮންސްޓްރަކްޝަން ސައިޓުތަކުން މަގުމައްޗަށް އެއްޗެހި ވެއްޓޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ކޮންސްޓްރަކްޝަން ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓި މިދިޔަ ޑިސެމްބަރު މަހު ކުޑަ ކުއްޖަކު މަރުވި އިރު، މި މަހު ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ގަލެއް ވެއްޓި، ބިދޭސީ އަކު ވަނީ މަރުވެފަ އެވެ.