ގާނޫނީ ވަކީލުންގެ ހުއްދަ ދިނުމާ ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓަން އުފައްވާ ބާ ކައުންސިލު އުފެއްދުމަށް ބާރުދޭ ގާނޫނީ ފަންނުގެ ބިލު ފާސް ކުރަން ވޯޓަށް ނާހައި އަލުން ދިރާސާ ކުރަން ކޮމިޓީއަށް އަނބުރާ ފޮނުވާލައިފި އެވެ.

ގާނޫނީ ފަންނުގެ ބިލު ބައެއް ބަދަލުތަކާއެކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހަން ތާވަލު ކުރީ މިއަދު އެވެ. ނަމަވެސް މަޖިލީހުގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ބިލަށް އަދިވެސް އިސްލާހުތަކެއް ގެންނަން ހުރި ކަމަށް މެމްބަރުން ފާހަގަ ކުރާ ކަމަށެވެ.

އެހެންވެ މިއަދު ޖަލްސާގައި އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލާފައި ވަނީ 35 މެމްބަރުންގެ ވޯޓާ އެކު އެވެ. ނުފެންނަ ކަމަށް ވޯޓު ދިނީ އެއް މެމްބަރެކެވެ.

ގާނޫނީ ފަންނުގެ ބިލަށް އަމަލުކުރަން ފަށާނީ އެ ބިލު ތަސްދީގު ކުރެވި ގާނޫނަކަށް ބަދަލުކުރާ ދުވަހުން ފެށިގެން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ބާ ކައުންސިލު

ގާނޫނީ ފަންނުގެ ބިލު ގާނޫނަކަށް ބަދަލުވެ އަމަލު ކުރަން ފެށުމާއުކު ދިވެހި ރާއްޖޭގެ ބާ ކައުންސިލް އުފެދުނީ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އަދި އެ ކައުންސިލަކީ ގާނޫނީ ގޮތުން އަމިއްލަ މިނިވަން މުސްތަގިއްލު މުއައްސަސާއެއް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ބާ ކައުންސިލް އެކުލަވާލަން ނިންމާފައިވަނީ އިންތިހާބު ކުރާ ހިންގާ ކޮމިޓީއަކާއި އެ ހިންގާ ކޮމިޓީން އެކުލަވާލާ ސަބް ކޮމިޓީތަކެއްގެ މައްޗަށެވެ. ހިންގާ ކޮމިޓީ އެކުލެވޭނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެހުރިގާ ފަރާތްތަކަކީވެސް ވަކީލުންނަށް ވާން ޖެހެ އެވެ. ހިންގާ ކޮމިޓީއެއް މެމްބަރުން އައްޔަން ކުރަނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ބައެއް ގާނޫނީ ވަކީލުން --- ފޮޓޯ/ ޓްވިޓާ

ބާ ކައުންސިލަށް އިންތިހާބު ކުރެވޭ އެއްވެސް މެމްބަރަކަަށް އަދި ބާ ކައުންސިލުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށްވެސް އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ނުލިބޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ބާ ކައުންސިލަށް އެ ބިލުން ހަވާލުކޮށްފައިވާ ޒިންމާ ތަކުގެ ތެރޭގައި ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލު ކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ބާތިލު ކުރުމާއި ގާނޫނީ ވަކީލުން ގާނޫނާ ހިލާފުވެއްޖެ ނަަމަ ފިޔަވަޅު އެޅުންވެސް ހިމެނެ އެވެ.

ބާ ކައުންސިލުގެ ފުރަތަމަ އިންތިހާބު ބޭއްވުން އެ ބިލުން މަތިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށެވެ. ބިލުގައި ބުނެފައިވާގޮތުން ގާނޫނު ތަސްދީގުކުރާތާ 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލުގެ އިންތިހާބު ބާއްވަން ޖެހޭނެ އެވެ.

ގާނޫނީ ފަންނުގެ ބިލުގައި ގާނޫނީ ވަކީލުން އަމަލު ކުރަން ޖެހޭ ގޮތާއި އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރާ ވަކީލުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށްވެސް ބިލު ވަނީ ފާސްކޮށްފަ އެވެ. އަދި ވަކީލުންގެ ހުއްެދަ ހިފެހެއްޓުގެ ބާރު ބާ ކައުންސިލަށް ދޭންވެސް ބިލުގައި ވަނީ ހިމަނާފަ އެވެ.

ގާނޫނީ ވަކީލުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅައިފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ގޮތަށް ބިލުވަނީ ފަރުވާކޮށްފަ އެވެ.

ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުން

ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ވާ ފަރާތްތަކަށް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އެގޮތުން ވަކީލު ކަމުގެ ހުއްދައަށް އެދޭ ފަރާތަކީ އުމުރުން 21 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެ އެވެ.

އަދި ބާ ކައުންސިލުން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވާ އަދި ބާ ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ކިޔަވައިދޭ މަރުކަޒެއްގައި ގާނޫނީ ރޮނގުން ފުރަތަމަ ޑިގްރީއެއް ހާސިލުކޮށްފައިވުން ހިމެނެ އެވެ. އަދި ބާ ކައުންސިލުން ދޭ ބާ އިމްތިހާނު ފުރިހަމަ ކޮށްފައިވާ މީހަކަށްވެސް ވާން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މީހަކު ފަނޑިޔާރެއްގެ ގޮތުގައި އައްޔަން ކުރާ ހިސާބުން އެމީހެއްގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި ދެން ހުއްދަ ދޭނީ ފަނޑިޔާރު ކަމުން ވަކިވުމުން ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ގާނޫނީ ފަންނުގެ ބިލުގައި ވާގޮތުން ބާ ކައުންސިލުން ބޭނުންވެއްޖެ ހާލަތެއްގައި ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ރާއްޖޭން ބޭރުގެ ގާނޫނީ ވަކީލުންނަށްވެސް ލިބިދެވޭނެ އެވެ. އަދި އެގޮތަށް ހުއްދަ ދޭނީ ބާ ކައުންސިލަށް ހުށަހަޅައިގެން އެ ކައުންސިލުން ކަނޑައަޅާ ޝަރުތުތަކާ އެއްގޮތަށް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

މީގެ ކުރިން ގާނޫނީ ވަކީލުންގެ ކަންކަން ބަލަމުން އައީ ސުޕްރީމް ކޯޓުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުންނެވެ. ނަމަވެސް ގާނޫނީ ފަންނުގެ ބިލު ފާސްވެ ގާނޫނަކަށް ވުމުން އެ ބާރުތައް ބާ ކައުންސިލާ ހަވާލުވާނެ އެވެ.