ޕެންޝަން ފަންޑްގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފިއެވެ.

ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އެވެ. އެ ބިލު މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ފާސްކޮށްފައި ވަނީ އެއްވެސް ބަދަލެއް ގެނައުމެއްނެތިއެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި އެ އިސްލާހް ފާސްވީ ވޯޓުގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް ވަނީ އިތުރު ސުރުހީއެއްގެ ދަށުން މާއްދާތަކެއް އިތުރުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހުންނަށް ކަމަށެވެ.

އޭގެ އިތުރުން ޕެންޝަން ފަންޑުން ހައްޖަށް ދެވޭނީ ވަކި އަދަދަކަށް ފައިސާ ޕެންޝަން އެކައުންޓުގައި ހުންނަ ފަރާތްތަކަށް ކަމަށް ވެސް ޕެންޝަން ގާނޫނަށް އިތުރު ކުރަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

އެ ފަރާތަކީ ޕެންޝަން ލިބޭ އުމުރު ހަމަވާ އިރު މަހަކު 2،000 ރުފިޔާ، މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުން ދެވޭ މިންވަރުގެ ފައިސާ، ހައްޖުވުމަށް ހުށަހަޅާ ރިޓަޔަމެންޓް ސޭވިންގް އެކައުންޓުގައި ޖަމާވެފައި ހުރި ފަރާތަކަށް ވާންޖެހޭ ކަމަށް އިސްލާހުގައިވެއެވެ.

ހައްޖުވުމަށް ފައިސާ ދޫކުރެވޭނީ އެ އަހަރަކު ހައްޖަށް ދިއުމަށް ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދަށްވާ ފައިސާގެ ދެބައިކުޅަ އެއްބައި (50 ޕަސަންޓު) ކަމަށް ވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ.

ޕެންޝަން ފަންޑުން ފައިސާ ބޭނުންކޮށްގެން އަހަރަކު ހައްޖަށް ދެވޭނީ ކިތައް މީހުންނަށްކަން ކަނޑައަޅާނީ ޕެންޝަން އޮފީހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލާ މެދު ވެސް ގޮތެއް ނިންމުންވެސް ހޮނިހިރު ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެއިތުރުން ނާއިބު ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ގުޅޭ ބިލުގެ ފުރަތަމަ ކިޔުން ވެސް އެދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ. މި ބިލު ހުށަހަޅުއްވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމެވެ.