ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޢަބްދުލް ޙަމީދުގެ މައްޗަށް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، އެއް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން، ކާށިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވައިދިނުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރެދިނުމަށް ސުޕްރީމް ކޯޓަށް ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ވެސް ބަލައިގަނެވެން ނެތްކަމަށް ނިންމައި ސްޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ސްޕްރީމް ކޯޓަށް ދެވަނަ ފަހަރަށްވެސް ހުށަހަޅާފަވަނީ ގައުމީ ޔުނިވާސިޓީގެ ދަރިވަރު، ސ. ހިތަދޫ، ލާމިގޭ، މޫސާ އަންވަރެވެ.

މޫސަ ހުށަހެޅި ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުން ދީފައިވާ ޖަވާބުގައި ބުނެފައި ވަނީ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާކަން ކަށަވަރު ކުރުމުގެ ކަންތައް ކުރަމުންގެންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅާފައި ނުވަނީސް ސުޕްރީމް ކޯޓަށް އެ މައްސަލައިގައި ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ތިން ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ "ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ،"

އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ "ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން،" ކަމަށެވެ.