25 Feb 2019, 14:21
އދ.ގެ އިންސާނީ ހައްގުތަކުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްވިޒަލންޑްގެ ޖެނީވާއަށް ވަޑައިގެންފި އެވެ.
ޖެނިވާގެ ދަތުރާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ ބައްދަލުވުމުގައި ތަގުރީރެއް ދިނުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ ބައްދަލުވުމުގައި އޭނާ ތަގުރީރުކުރައްވާނީ މިއަދު ހަވީރު ހައެއް ޖަހާއިރު ކަމަށެވެ.
މީގެ 11 އަހަރު ކުރިން ވެސް ޖެނީވާގައި ބޭއްވި އިންސާނީ ހައްގުތަކުގެ ބައްދަލުވުމެއްގައި އޭރުގެ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ވަނީ ތަގުރީރުކުރައްވައިފަ އެވެ.
ޝާހިދު މިފަހަރު ބައިވެރިވެލައްވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގަ އެވެ.
ޝާހިދު ދާދި ފަހުން ވަނީ ރަސްމީ ދަތުރެއްގައި އެމެރިކާއަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރަކީ އެގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕެއޯގެ ދައުވަތަކަށް ކުރެއްވި ދަތުރެކެވެ.
ޝާހިދުގެ އެ ދަތުރުގައި ސެކްރެޓަރީ ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހާއި ޔޫއެސްއެއިޑް އަދި އޯވަސީސް ޕްރައިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާ ވެސް އެ ދަތުރުގައި ވަނީ ބައްދަލުކުރައްވައިފަ އެވެ.
އަދި ރާއްޖެއާއި އެމެރިކާ އާ ދެމެދުއޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށް ޓަކައި ކުރެވޭނޭ ކަންކަމާ މެދު އެ ދަތުރުގައި ވަނީ މަޝްވަރާކޮށްފަ އެވެ.