އަލްވަރޯ މޮރާޓ،ާ އެތްލެޓިކޯ މެޑްރިޑްއަށް ކާމިޔާބު ކޮށްދިން ފުރަތަމަ ސީނިއާ ގޯލާއި އެކު ވިލަރެއާލް ކައިރިން މޮޅުވި އިރު ރެއާލް މެޑްރިޑް ހަނި ގޮތަކަށް ލެވަންޓޭ ގާތުން މޮޅުވެއްޖެއެވެ.

އެތްލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓާނޯ ދަނޑުގައި ވިލަރެއާލާއި ދެކޮޅަށް ކުޅެ އެތްލެޓިކޯ އިން މެޗު ކާމިޔާބު ކުރި 0-2 ގެ ނަޓީޖާ އަކުންނެވެ. ލީގުގެ އަށް މެޗުގައި ގޯލު ނުޖެހި އެތައް ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މޮރާޓަ ޜޭގެ މެޗުގައި އެތްލެޓިކޯ މެޑްރިޑްއަށް ވަނީ އޭނަގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ.

އެތްލެޓިކޯ މެޑްރިޑްއަށް ޖަހައިދިން ފުރަތަމަ ގޯލު ރޭ ވިލަރެއާލް ކޮޅަށް އަލްވާރޯ މޮރާޓާ ޖެހުމަށްފަހު --- ފޮޓޯ/ ޖޯ ރައިޓް

މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނަޓުގައި މޮރާޓޯގެ ގޯލުން ވިލަރެއާލްގެ ގޯލު ހުޅުވާލުމާއި އެކު އެތްލެޓިކޯ މެޑްރިޑް ވަނީ އެމީހުންގެ ލީޑު ފުޅާ ކުރުމަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ލިބުނު ގިނަ ފުރުސަތުތައް ވަނީ ބޭނުން ނުކުރެވި ބޭކާރު ވެގެން ގޮސްފައެވެ.

ދެވަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑްގެ ލީޑް ފުޅާ ކޮށްދިނީ ސައުލް ނިގުއެޒްއެވެ. ސައުލް މި ސީޒަނަށް ފަހު ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމުގެ އޯލަ ވާހަކަތައް ފެތުރިފައިވީ ނަމަވެސް އޭނާ ވަނީ އެކަން ދޮގު ކޮށްފައެވެ.

މީގެ އިތުރުން ރެއާލް މެޑްރިޑް އަށް ލިބުނު ދެ ޕެނަލްޓީ ކާމިޔާބުކޮށް 1-2 ގެ ނަތީޖާ އަކުން ރޭ ލެވަންޓޭ ބަލިކުރި މެޗުގައި ލެވަންޓޭގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފަރާތުން އެ މެޗުގެ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ.

ރެއާލް މެޑްރިޑްއާއި ލެވަންޓޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޖޯ ރައިޓް

ވީޑިއޯ ބެލުމަށްފަހު ރެއާލަށް ރެފްރީ ދިން ދެ ޕެނަލްޓީ އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒީމާއާއި ގެރެތް ބޭލް އެވެ. ލެވަންޓޭގެ ހަމައެކަނި ގޯލު އެ ޓީމަށް ޖަހައިދިނީ ރޮގާ މާޓިނީ އެވެ. ރޭގެ މެޗުގައި ރެއާލްގެ ކެޕްޓަން ސާޖިއޯ ރަމޯސް ސަސްޕެންޝަނުގެ ސަބަބުން ކުޅެފައެއް ނުވެއެވެ. އަދި އެ ޓީމުގެ ޑިފެންޑަރު ނަޗޯއަށް ދެ ރީންދޫ ކާޑު ހަމަވެ ރަތް ކާޑު ރޭގެ މެޗުގައި ވަނީ ދައްކާފައެވެ.

ރޭގެ މެޗުތަކުން ލިބުނު މޮޅާއި އެކު އެތްލެޓިކޯ އޮތީ ދެވަނައިގައެވެ. އެ ޓީމުން 25 މެޗު ކުޅެ 50 ޕޮއިންޓް ހޯދާފައިވާ އިރު ރެއާލް ތިން ވަނައިގައި އޮތީ 25 މެޗު ކުޅެގެން 48 ޕޮއިންޓާއި އެކުއެވެ.