25 Feb 2019, 11:51
ހަނޯއި (ފެބްރުއަރީ 25): އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ކަމަށް ހެދިގެން އުޅުނު މީހަކު ވިއެޓްނާމުން ޑީޕޯޓުކޮށްލައިފި އެވެ.
އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހަނޯއިގައި ބާއްވާ ބައްދަލުވުމާ ދިމާކޮށް، ކިމްއާ ވައްތަރު ހޮވާޑް އެކްސް އާއި ޓްރަމްޕާ ވައްތަރު ރަސެލް ވައިޓް ވިއެޓްނާމަށް ދިޔައީ މިދިޔަ ހަފްތާގަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު އެދެ މީހުން ވަނީ ހަނޯއިގެ އޮޕެރާ ހައުސްގައި ފޭކް ސަމިޓެއް ވެސް ބާއްވައިފަ އެވެ.
އޭގެ ފަހުން ވިއެޓްނާމްގެ ފުލުހުން ވަނީ އެދެ މީހުން ހައްޔަރުކޮށް ސުވާލުކޮށްފަ އެވެ. އަދި ހޮވާޑް އެކްސްގެ ވިސާ ސައްހަ ނޫން ކަމަށާއި އޭނާ ދިރިއުޅޭ ހޮންކޮންގަށް ޑީޕޯޓު ކޮށްލާނެ ކަމަށް ބުނެފަ އެވެ.
"އަސްލު ސަބަބަކީ ކިމް ޖޮންގް އުންއާ ވައްތަރު މީހެއްގެ ގޮތުގައި އަހަރެން އުފަންވުން. އެއީ އަސްލު ކުށަކީ،" އެއާޕޯޓަށް ދާން ތައްޔާރުވަމުން މިއަދު ހޮވާޑް އެކްސް ބުންޏެވެ.
ވިއެޓްނާމްގެ ފުލުހުން ވަނީ ކެނެޑާއަށް ނިސްބަތްވާ ރަސެލް ވައިޓަށް އެގައުމުގައި ހުރުމަށް ހުއްދަ ދީފަ އެވެ. ނަމަވެސް "ޓްރަމްޕް ކޮސްޓިއުމް" ލައިގެން ނޫޅުމަށް އަންގައިފަ އެވެ.
ލީޑަރު ކިމް އާއި ރައީސް ޓްރަމްޕް ފުރަތަމަ ފަހަރަށް ބައްދަލު ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގަ އެވެ. އެސަމިޓު ބޭއްވި އިރު ވެސް ހޮވާޑް އެކްސް ސިންގަޕޫރަށް ދިޔަ އެވެ.
ޓްރަމްޕާއި ކިމްގެ ފުރަތަމަ ބައްދަލުވުމުގައި ލީޑަރު ކިމް ވަނީ ކޮރެއާއިން ނިއުކްލިއާ ހަތިޔާރު އެއްކޮށް ނައްތާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ޓްރަމްޕް ވަނީ އެބައްދަލުވުމަށް ފަހު އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ނުރައްކަލެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.