ޕްރައިމެރީގައި ބަލިވި މީހުން އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން އެ ފުރުސަތު އެމީހުންނަށް ދޭނެ ކަމަށާއި އަދި ކުރިންވެސް އިއުލާނު ކުރި ތާރީހުގައި އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އޭޕްރިލް ހައެއްގައި އިންތިހާބު ބާއްވަން އިލެކްޝަނުން ވަނީ އިއުލާނުކޮށްފަ އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު 21 ފެބުރުއަރީއަށް ވަނީ ހަމަވެފައެވެ. މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރީ ޕްރައިމަރީގައި ބަލިވެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މާޗު މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ ޕްރައިމެރީގައި ބަލިވި ފަރާތްތަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ. އަދި މާޗު ހަތަރަކާ ހަމައަށް އެ ފުރުސަތު ދޭނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

"ކޯޓަކުން އެހެން ގޮތަކަށް ހުކުމެއް ނުކުރާހާ ހިނދަކު އިއުލާނުކުރި ތާރީހުގައި އިންތިހާބު އޮންނާނެ." އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ހާއްސަކޮށް އޮފިޝަލުން ހޯދުމުގައި ދަތިތަކެއް ހުރި ކަމަށް އަކްރަމް ވިދާޅުވ އެވެ.

"ބަޔަކު ގަސްތުގައި ކުރި ކަމެއްގެ ސަބަބުން އޮފިޝަލުން ހޯދުމުގައި ދަތިތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވެގެން މިއުޅެނީ،" އަކްރަމް ވިދާޅުވިއެވެ.

ވޭތުވެ ދިޔަ ރިޔާސީ އިންތިހާބުގައި އޮފިޝަލުންނަށް ބިރު ދެއްކުމާއި އޮފިޝަލުންނަށް އިންޒާރު ދިނުން ފަދަ ކަންކަން ވަނީ ހިނގާފައެވެ.

ޕްރައިމަރީގައި ވާދަކުރި ފަރާތްތަކަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މާޗު ހަތަރަކަށް ދީފައިވާއިރު މާޗު ފަސް ވަނަ ދުވަހު ކެންޑިޑޭޓުންގެ ގުރުއަތުލުން ބާއްވަން ޖެހޭނެއެވެ.

އެއީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމަށް ފަހު އިންތިހާބަށް ކެމްޕެއިން ކުރުމަށް ކެންޑިޑޭޓުންނަށް އެއް މަސް ދޭން ގާނޫނުގައި ބުނެފައި އޮންނާތީއެވެ.