ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮރަޕްޝަނާ ދެކޮޅަށް ކެމްޕެއިންނެއް ފައްޓަވައިފި އެވެ.

މި ކެންޕެއިން އިއުލާން ކުރައްވައި އޭސީސީ އިން މިއަދު ނެރުނު އިއުލާނުގައި ބުނީ، "އިންތިހާބީ ކޮރަޕްޝަން ހުއްޓުވުން 2019" މި ނަމުގައި އެކޮމިޝަނުން ފެއްޓެވި ކެމްޕެއިންގެ މައިގަނޑު މަގުސަދަކީ، އިންތިހާބުގެ ތެރޭގައި ހިނގާފާނެ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމާއި އިންތިހާބު ނަޒާހަތްތެރިވުން އަދި ނަޒާހަތްތެރި ކެންޑިޑޭޓެއް އިހްތިޔާރު ކުުރުމަށް ރައްޔިތުންނަށް ބާރުއެޅުމަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ރ) އަދި (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން ކޮރަޕްޝަންގެ ގެއްލުމުގެ މައްޗަށް އާންމުން ހޭލުންތެރިކުރުވާ ދައުލަތުގެ ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއަރުވައި، އަދި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމާ ގުޅޭގޮތުން ހާމަ ކުރަންޖެހޭ ކަންކަން ހާމަ ކުރުމުގެ މަގުސަދުގައި،" ހިންގާ ކެޕްމެއިންނެއް ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކޮމިޝަނުން ބުނި ގޮތުގައި، އެ ކޮމިޝަންގެ އުންމީދަކީ މި ކެމްޕެއިން މެދުވެރިކޮށް އިންތިހާބީ ކޮރަޕްޝަނާމެދު މުޖުތަމައުގެ ހޭލުންތެރިކަން އިތުރުވެ އިންތިހާބުތަކުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުވެގެން ދިއުން ކަމަށެވެ.

ކޮމިޝަނުން ބުނިގޮތުގައި، މި ކެމްޕެއިން ތެރެއިން، ހޭލުންތެރި ކުރުވުމުގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ އެކިއެކި ޓީވީ ޗެނަލްތައް މެދުވެރިކޮށް އިންތިހާބީ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ މައުޟޫއުތަކަށް މައުލޫމަތުތަކަށް ދިނުމާއި، މީސް މީޑިއާ މެދުވެރިކޮށް ހޭލުންތެރިކުރުވުމުގެ ތަފާތު މެސެޖުތައް ގެނެސްދިނުން ހިމެނެއެވެ. އަދި އިންތިހާބީ ކޮރަޕްޝަނާ ގުޅޭގޮތުން ވީޑިއޯ ސްޕޮޓް ތައްޔާރުކޮށް ރާއްޖޭގެ އެކި އެކި ޓީވީތަކުން ދެއްކުން ވެސް ހިމެނެއެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ އެޕްރީލް މަހު ހަވަނަ ދުވަހުއެވެ.