ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފުލުހުން ނިންމައިފިއެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ގަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތަކުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް ދަތިތައް ކުރިމަތިވެ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެހެން ކަމުން މިއަދުން ފެށިގެން ނުވަ ސަރަހައްދެއްގައި ގަވައިދާ ހިލާފަށް ޕާކުކުރާނަމަ ޓްރެފިކް ވަޔޮލޭޝަން ސްޓިކާ ޖަހާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ސަރަހައްދުތަކަކީ:

  • މިސްކިތްތައް ކައިރި

  • ކަފިހި ހުރަސް/ ދުވާރު
  • މަގު/ ގޯޅި ތަކުގެ ކަންމަތި
  • ސްކޫލުތައް ކައިރި
  • ހޮސްޕިޓަލުތައް ކައިރި
  • ބޭންކުތައް ކައިރި
  • ބޮޑުތަކުރުފާނުމަގުގެ ތާރު އެޅި ސަރަހައްދު
  • ފުލުހުންގެ ކޯނު/ ބެރިކޭޑް ބަހައްޓާފައިވާ ސަރަހައްދު
  • ޑަބަލް ލައިން ދަމާފައިވާ ސަރަހައްދު

ޕާކު ކުރާނެ ތަނެއް ނުދައްކައި ސްޓިކާ ނުޖަހާނެ ކަމަށް ރިޔާސީ ކެމްޕެއިން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. މިއާއެކު ސަރުކާރުން އަންގައިގެން ސްޓިކާ ޖެހުން ހުއްޓާލުމާއެކު މަގުހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް އުނދަގޫވާގޮތަށް ޕާކު ކުރުން ވަނީ އާންމުވެފައެވެ.

ގަވައިދާ ހިލާފަށް މަގުމަތީ ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ސްޓިކާ ޖަހައި އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ނުކުރިކަމުގައި ވިޔަސް ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ފުލުހުން ވަނީ ޓޯ ވެސް ކޮށްފައެވެ.