ރަހީމް ސްޓާލިންގްގެ ފަހު ޕެނަލްޓީއާ އެކު ޗެލްސީ ބަލިކޮށް އިނގިރޭސި ލީގު ކަޕް (އީއެފްއެލް) މެންޗެސްޓާ ސިޓީއިން ދިފާއުކޮށްފިއެވެ.

ރޭ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު އީއެފްއެލް ގެ ފައިނަލުގައި ޗެލްސީއާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗު އެއްވަރުވެ އިތުރު ވަގުތު ކުޅެގެންވެސް ނަތީޖާ ނުނެރެވުމުން ވަނީ ޕެނަލްޓީ ޖަހާފައެވެ. ނޭވާ ހިފާއްޓާލަން ޖެހުނު ޕެނަލްޓީތައް 3-4 ގެ ނަތީޖާއަކުން ސިޓީ ކާމިޔާބުކޮށް އެ ޓީމުން ވަނީ އެމީހުންގެ ހަތަރު ތަށި މިސީޒަނުގައި ހޯދުމުގެ އުންމީދު ދަމަހައްޓާފައެވެ.

ޕެނަލްޓީގައި ކުރި ހޯދާ ޗެލްސީ ބަލިކުރުމަށްފަހު އިނގިރޭސި ފުޓްބޯޅަ ލީގު ކަޕުގެ ޗެމްޕިއަންކަން ސިޓީ ވަނީ ހޯދާފައެވެ --- ފޮޓޯ/ ޖޭމީ ސްމިތް

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ހިތްގައިމު ކުޅުމެއް ރޭގެ މެޗުން ފެނިގެންދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑުޖަހާނެ ހުސްފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ.

މެންޗެސްޓާ ސިޓީއާއި ޗެލްސީ އެންމެ ފަހުން ލީގުގައި ބައްދަލު ކުރި މެޗުގައި ސިޓީއިން ވަނީ ޗެލްސީ ކޮޅަށް ހަ ގޯލު ޖަހާ "ލަދު ގަންނަވާލާ" އެވެ. އަގުއޭރޯގެ ހެޓްރިކްއެއް އެ މެޗުގައި ފެނިގެން ދިޔަ ނަމަވެސް ރޭގެ މެޗުގައި ސިޓީއަކަށް ކުޅުމުގެ ތެރެއިން ޗެލްސީގެ ގޯލު ފޫ އަޅުވާލެވިފައެއް ނުވެއެވެ.

ރޭގެ މެޗުގައި ސިޓީ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން ގިނަ ބައެއްގެ ލޯތައް ހުއްޓިގެން ދިޔައީ ޗެލްސީގެ ގޯލް ކީޕަރާއި ކޯޗާއި ދެމެދުގައި ހިނގައި ދިޔަ ބޮޑު ހަމަނުޖެހުންގަނޑަށެވެ. ގިނަ އިރުތަކެއް ވަންދެން ހިނގައި ދިޔަ މި ހަމަ ނުޖެހުމަކީ ފުޓްބޯޅައިގައި ވަރަށް މަދުން ނޫނި ނުފެންނަ ފަދަ ފުޓުބޯޅައިގެ ރޫހާއި މުޅިން ހިލާފު ކަންތައް ތަކެކެވެ. ކޯޗަކާއި ކުޅުންތެރިއަކު ދަނޑުމަތީގައި ކަންތައް ކުރަން ނުވާ ފަދަ ގޮތަކަށް ކަންތައް ކުރުމުން އެތައް ބައެއްގެ ފާޑު ކިއުން ކޯޗަށާއި ކީޕަރަށް ވަނީ އަމާޒުވެފައެވެ.

ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ --- ފޮޓޯ / ޖޭމީ ސްމިތް

މެޗުގެ އިތުރު ވަގުތުގެ ފަހު މިނަޓު ކޮޅުގައި ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާއަށް ވަނީ އަނިޔާވެ ދަނޑު މަތީގައި ފަރުވާދީފައެވެ. އަދި އެ އަނިޔާގެ ސަބަބުން އޭނާ ބަދަލު ކުރުމަށް ޗެލްސީގެ ކޯޗު މާރީޒިއޯ ސާރީ ނިންމި ނަމަވެސް ކެޕާ ވަނީ އޭނާ ދަނޑުން ނުފައިބާނެ ކަމަށް ބުނެފައެވެ. އެ ޒުވާބެއްގައި ގިނަ އިރު ވަމުން ގޮސް ރެފްރީ އެންމެ ފަހުން ނިންމީ މެޗު ކުރިއަށް ގެންދިއުމަށެވެ. އޭރު ޗެލްސީގެ ކޯޗު ހުރީ "އަރާ ރަތުގަ" އެވެ.

މީގެ ކުރިންވެސް ޗެލްސީގެ ކޯޗާއި ކުޅުންތެރިންނާއި ދެމެދު ހަމަ ނުޖެހުން ހިނގި ނަމަވެސް ދަނޑު މަތީގައި އެކަން ހާމަ ކޮށްފައެއް ނުވެއެވެ. މި މައްސަލައިގައި ކެޕާ ވަނީ ޗެލްސީގެ ކޯޗާއި މެނޭޖްމެންޓުގެ ގާތުން މާފައް އެދިފައެވެ.