ބޮލީވުޑް ބަތަލާ ސޮނާކްޝީ އާ ދެކޮޅަށް މަކަރުހެދުމާ އޮޅުވާލުމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ސޮނާކްޝީ އަދި އިތުރު ހަތަރު މީހެއްގެ މައްޗަށް މަކަރު ހެދުމާ އޮޅުވާލުމުގެ މައްސަލައެއް ހުށަހެޅީ އިވެންޓު އޮގަނައިޒަރެކެވެ.

އެމީހާ ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަފްސީލުގައި ބުނެފައި ވަނީ މިދިޔަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ހުށަހަޅައިދިނުމަށް އެއްބަސްވެ، ފައިސާ ނެގުމަށް ފަހު އެންމެ ފަހު ވަގުތު އެ އިވެންޓުގައި ބައިވެރިވެފައި ނުވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު 30ގައި އޮތް އެ އިވެންޓުގައި ހުށަހަޅައިދިނުމަށް އެއްބަސްވެ ސޮނާކްޝީ 32 ލައްކަ ރުޕީޒް ނަގައިފައިވާ ކަމަށާއި، ނަމަވެސް އެންމެ ފަހު ވަގުތު ހަފްލާގައި ބައިވެރިވެން ނެތް ކަމަށް ބުނެފައިވާ ކަމަށެވެ. ސޮނާކްޝީއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ސޮނާކްޝީ ފަހުން އެ ހަފްލާގައި ބައިވެރިވާން ދެކޮޅު ހެދުމުން ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފައެވެ.

ފުލުހުން އެ މައްސަލަ ނުބަލާ ކަމަށް ބުނެ އެ މީހާ ވަނީ ޒަހަރު ވެސް ބޮއެފައެވެ. ނަމަވެސް ގެއްލުމެއް ވުމުގެ ކުރިން އޭނާ ވަނީ ސަލާމަތްކޮށްފައެވެ. ފުލުހުން ބުނީ މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، ސޮނާކްޝީ އާ ދެކޮޅަށް މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

މައްސަލަ އާ ގުޅިގެން ސޮނާކްޝީގެ ފަރާތުން ބުނެފައި ވަނީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، ދޮގު ވާހަކަ ފެތުރުން ހުއްޓާ ނުލައިފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.