މަސްވެރިންނަށް ތެލުގެ ސަބްސިޑީސް ފައިސާ ގަނޑުކޮށް ހޯދަން ދައުވާ ކުރުމުގެ ބާރު ގައުމީ ޕާޓީއަށް ލިބިފައި ނުވާ ކަމަށް ދައުލަތުން ޝަރީއަތުގައި ބުނެފި އެވެ.

މަސްވެރިންނަށް ތެލުގެ ސަބްސިޑީސް ދިނުމަށް މިއަހަރުގެ ބަޖެޓްގައި ރައްޔިތުންގެ މަޖިލީހުން ހިމެނި 100 މިލިއަން ރުފިޔާ ގަނޑުކޮށް ދޫކޮށްދިނުމުގެ އަމުރެއް ފިނޭންސް މިނިސްޓްރީގެ މައްޗަށް ނެރެދިނުމަށް ދިވެހި ގައުމީ ޕާޓީން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް މިއަދު ފެށުމުން ދައުލަތުގެ ވަކީލާ ޝަފާ ޝަރީފް ވިދާޅުވީ މަސްވެރިންނަށް ސަބްސިޑީ ނުދިނަސް އެއިން ގައުމީ ޕާޓީގެ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ.

އަދި ވިދާޅުވީ ދައުވާ އެ ގޮތަށް ކުރުމުގެ ހައްގަކީ ގައުމީ ޕާޓީއަށް ލިބިގެންވާ ހައްގެއް ނޫންކަމަށާއި އެއީ ސިޔާސީ ޕާޓީގެ މަގުސަދުގެ ތެރޭގައި ހިމެނިފައިވާ ކަމެއް ވެސް ނޫން ކަމަށެވެ.

ދައުލަތަށް ރައްދު ދެއްވައި ގައުމީ ޕާޓީގެ ވަކީލު އަބްދުﷲ ސައީދު ވިދާޅުވީ "ޕަބްލިކް އިންޓްރެސްޓް" ހުންނަ ކޮންމެ މައްސަލައެއްގައި ކޮންމެ ފަރާތަކަށް ވެސް ދައުވާ ކުރެވޭނެކަމަށެވެ. މާލޭ ދެކުނު ފަރާތު އާ ހާބަރު ސަރަހައްދުން ބިން ވިއްކުމުގެ މައްސަލަ، އެ ޕާޓީ ހިމެނޭގޮތަށް ގިނަ ސިޔާސީ ޕާޓީތަކުން މަދަނީކޯޓަށް ހުށަހަޅައި އެ މައްސލައިގައި ނިޔާއެއް ކަނޑައަޅާފައިވާތީ އެކަމުން ވެސް މި މައްސަލަ ހުށަހެޅުމުގެ ހައިސިއްޔަތު އެ ޕާޓީއަށް ލިބިގެންވާކަން އެނގޭކަމަށެވެ.

ސައީދު ވިދާޅުވީ މަސްވެރިކަމަކީ ޓޫރިޒަމް ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު ސިނާއަތްކަމަށްވާއިރު ތެލުގެ ސަބްސިޑީސް ލިބިފައިނުވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާ ކަމަށެވެ. ސަބްސިޑީ ދޫކުރަންޖެހެނީ ފިޝަރީޒް މިނިސްޓްރީ ކަމަށްވާއިރު އެ މިނިސްޓްރީއަށް ސަބްސިޑީސްގެ ފައިސާ ދޫ ނުކޮށް އޮތީ ފިނޭންސް މިނިސްޓްރީން އެ ފައިސާ ޖަމާކޮށްނުދީގެން ކަމަށްބުނެ ފިޝަރީޒް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެ ފައިސާ ދޫނުކުރަން އުޅޭއިރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ސަބްސިޑީ ފައިސާ ދޫކުރުމުގެ އުސޫލެއް ކަނޑައަޅާ ފިނޭސް މިނިސްޓްރީއަށް ފޮނުވާފައިވާކަމަށެވެ.