އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑްއާއި ކުޅެ އެއްވަރުވި ނަމަވެސް، އަދިވެސް އެއްވަނައިގައި އޮތީ ލިވަޕޫލް އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ދަނޑުގައި ކުޅެވުނު ވާދަވެރި އެ މެޗު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންއެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުން ނުކުރެވި ބޭކާރު ވީއެވެ.

ރޭގެ މެޗަށް ޔުނައިޓެޑް ނުކުތީ އެމީހުންގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އެންތޮނީ މާޝިއަލްއާއި ނެމަންޖާ މެޓިކް ޓީމުގައި ނުހިމަނައެވެ. އަނިޔާގެ ސަބަބުން މިވަގުތު ޓީމުގެ ހާލަތު ރަނގަޅު ނޫން ކަމަށް ޔުނައިޓެޑްގެ ކޯޗު މެޗު ފެށުމުގެ ކުރިން ވެސް ބުނެފައި ވަނިކޮށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ތިން ކުޅުންތެރިއަކު ވަނީ އަނިޔާގެ ސަބަބުން ބަދަލު ކުރަން ޖެހިފައެވެ.

ލިވަޕޫލްއާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ރަޔާން ބެންސަން

މެޗުގެ ފުރަތަމަ 20 މިނަޓު ތެރޭގައި ޔުނައިޓެޑްގެ މެދު ތެރެއަށް ކުޅެމުން ދިޔަ އެންޑާ ހަރޭރާގެ ފަލަ މަސްގަނޑަށް ލިބުނު ގެއްލުމަކާއި ގުޅިގެން އޭނާ ވަނީ ބަދަލު ކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެ ޓީމުގެ ދެވަނަ މިޑްފީލްޑަރު ހުއަން މަޓާ ވެސް ވަނީ އަނިޔާވެ ބަދަލު ކޮށްފައެވެ. މަޓާގެ ބަދަލުގައި ކުޅެން އެރީ ޖެސޭ ލިންގާޑްއެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާއި ބައްދަލު ކުރި މެޗުގައި ލިބުނު އަނިޔާއަށް ފަރުވާ ހޯދަމުން އަންނަ ލިންގާޑް މެޗަށް އެރި އިރު ވެސް % 100 ފިޓް ނޫން ކަމަށް ޔުނައިޓެޑް އިން ބުނެފައިވެއެވެ.

ނަމަވެސް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ލިންގާޑްއަށް ކުޅެވޭނެ ކަމަށް ބަލައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޭނަ ވަނީ ކުޅެން އަރުވާފައެވެ. ފުރަތަމަ ބޯޅައާ އެކު ލިންގާޑް ވަނީ އަނިޔާވެ ދަނޑުން ބާލަން ޖެހިފައެވެ. ފަރުވާ ކުރަމުންދިޔަ އުކުޅުވަޅަށް ތަދުވެ ކުޅެވޭ ވަރު ނުވުމުން އޭނާ ބަދަލު ކުރުމަށް ކޯޗަށް އެންގިއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ގެންނަން ޖެހުނު ތިން ބަދަލާ އެކު ޔުނައިޓެޑް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.

ސަބަބަކީ އިތުރު ކުޅުންތެރިއަކަށް އަނިޔާވި ނަމަވެސް ބަދަލުގައި ކުޅުންތެރިއަކަށް ނޭރޭނެތީއެވެ. އަދި ކަންތައް ވެގެން ވެސް ދިއައީ އެހެންނެވެ. ޔުނައިޓެޑްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ މާކަސް ރަޝްފޯޑް އަށް އަނިޔާވެ ބަދަލު ކުރާނެ ކުޅުންތެރިއަކު ނުވުމުން މެޗު ނިމެންދެން ޔުނައިޓެޑް ކުޅެން ޖެހުނީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަނިޔާއާއި އެކު ރަޝްފޯޑް މެޗު ނިމެންދެން ކުޅުނު ނަމަވެސް އޭނައަށް ލިބިފައިވާ އަނިޔާއަށް ކެއްކުރެވުނީ ހަމަ ކިރިޔާއެވެ. ގިނަ ވަގުތު ހުއްޓި ހުރެގެން ކުޅުނު ރަޝްފޯޑް ރޭގެ މެޗުގައި ވަނީ ހިއްވަރު ދެއްކުމުގެ މިސާލު އެހެން ކުޅުންތެރިންނަށް ދައްކާފައެވެ.

ޔުނައިޓެޑްގެ އިތުރުން ލިވަޕޫލްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ރޮބާޓޯ ފިރްމީނިއޯ ވެސް ރޭގެ މެޗުގައި ވަނީ އަނިޔާވެ ބަދަލު ކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ރޭގައި އެ ކުލަބު ތަކުގެ ފެންވަރާއި ގާތަށް ވެސް ކުޅެވިފައެއް ނުވެއެވެ.

އާސެނަލްއާއި ސައުތަމްޓޮމް ބައްދަލު ކުރި މެޗުގެ ތެރެއިން: މި މެޗު އާސެނަލުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުން --- ފޮޓޯ / ރަޔާން ބެންސަން

މީގެ އިތުރުން ވެސް ފޯރިގަދަ މެޗުތަކެއް ޕްރިމިއާ ލީގުގައި ރޭ ކުޅެވިގެން ގޮސްފައިވެ އެވެ. އެގޮތުން ސައުތަމްޓޮމް މައްޗަށް އާސެނަލް ކުރި ހޯދި މެޗު ފާހަގަ ކޮށްލެވެއެވެ. އެ މެޗު އާސެނަލުން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ. އެލްކްސަންޑަރާ ލަކަޒެޓްއާއި ހެންރިކް މިކިޓާރިޔަންގެ ފުރަތަމަ ހާފު ދެ ގޯލާއި އެކު ރޭ މެޗުން މޮޅުވެ އާސަނަލް ވަނީ ތާވަލުގެ ހަތަރު ވަނައަށް ޖެހިލާފައެވެ.