25 Feb 2019, 09:32
ޑާކާ (ފެބްރުއަރީ 25): ބަނގުލަދޭޝްގެ ޑާކާއިން ޔޫއޭއީގެ ދުބާއީއަށް އިއްޔެ ދަތުރު ކުރަން އޮތް މަތިންދާބޯޓެއް ހައިޖެކް ކުރަން އުޅުނު މީހަކު މަރާލައި ބަންގުލަދޭޝްގެ ސިފައިން އެ ބޯޓު ހައިޖެކް ވިޔަ ނުދީ ސަލާމަތް ކޮށްފި އެވެ.
ރޮއިޓާސްގައިވާ ގޮތުން ޑާކާއިން ބޯޓު ނައްޓާލި ފަހުން އެބޯޓުގައި އިން މީހަކު ވަނީ އޭނާގެ އަތުގައި ބަޑިއެއް އޮތް ކަމަށް ބުނެފަ އެވެ. އަދި ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެމީހާ ވަނީ ބަނގުލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާއާ ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެހާދިސާ ހިނގީ ބިމާން ބަންގުލަދޭޝް އެއާލައިންސްގެ ފްލައިޓް ބީޖީ147ގަ އެވެ. އަދި ބޯޓު ހައިޖެކް ކުރަން މަސައްކަތް ކުރުމުން އެބޯޓު ވަނީ ޗިޓަގޮންގުގައި ޖައްސާފަ އެވެ. އޭގެ ފަހުން ސިފައިން ބޯޓަށް އެރުމުންވެސް އެމީހާ އަމާންދޭން ދެކޮޅު ހެދުމުން އޭނާގެ ގަޔަށް ބަޑި ޖެހީ އެވެ.
"އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރުމުންވެސް އަދި އަމާން ދިނުމަށް ބުނުމުންވެސް އޭނާ ދެކޮޅު ހެދި އެހެންވެ ބަޑި ޖެހީ. އެއީ ބަނގުލަދޭޝްގެ މީހެއް. އޭނާގެ އަތުން ފެނިފައި ވަނީ ހަމައެކަނި ބަޑިއެއް،" ސިފައިން ބުންޏެވެ.
ޗިޓަގޮންގެ ޝާހް އަމާނަތު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޯޓު ޖެއްސި ފަހުން އެބޯޓުގައި ތިބި 148 ފަސިންޖަރުންނާއި ކުރޫއިން ވަނީ ސަލާމަތްކަމާ އެކު ބޯޓުން ފައިބައިފަ އެވެ.