ބޮލީވުޑްގެ ލެޖެންޑަރީ ސްރީދޭވީގެ މަރަށް އެއް އަހަރުވެފައިވާއިރު އޭނާ އެންމެ ލޯބިން ގެންގުޅުނު އެއް ސާޅީ ނީލަމުގައި ވިއްކާލަން ހުޅުވާލައިފިއެވެ.

އޭގެ އަގު ފެށެނީ 1.3 ލައްކަ ރުޕީސްއިން ކަމަށް އޭނާގެ ފިރިމީހާ ބޯނީ ކަޕޫރު ބުންޏެވެ. އަދި ސާޅީ ބީލަންކޮށްގެން ލިބޭ ފައިސާ ހާއްސަ އެހީ އަށް ބޭނުންވާ ކުދިންނަށް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"ކޮންސާން އިންޑިއާ ފައުންޑޭޝަން" އަށް ފައިސާ ހަދިޔާކުރަން ނިންމާފައިވާއިރު ބީލަމަށް ހުޅުވާލާފައި ވަނީ ދަނބު ކުލައިގެ ސާޅިއެކެވެ.

ފަންސާސް ހަތަރު އަހަރުގައި ސްރީދޭވީ މަރުވި އިރު އޭނާ ވަނީ ބައި ގަރުނު ފިލްމީ ދާއިރާގައި ހޭދަކޮށް 300އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ.

އޭނާއަކީ 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ރަނިކަން ކުރި ފަންނާނެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ފިލްމީ ކެރިއަރު ފެށި ސްރީ ދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަސްޓާރަށެވެ.

ސްރީދޭވީ 275 ފިލްމު ކުޅެފައި ވާއިރު، މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށް ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑު ވެސް ދީފައެވެ.