އޭޕްރީލް ހަ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ މީހުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ މިންވަރަކަށް މީހުން ކުރިމަތިނުލާތީ އަނެއްކާވެސް ފުރުސަތު ހުޅުވާލާ ކަމަށެވެ. އަދި ކުރީން ކުރި އިއުލާނާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމު ބަލައިގަނެފައިވާނެ ކަމަށް ވެސް އީސީ އިން ބުންޏެވެ.

އިލެކްޝަންސްގެ އިއުލާނުގައި ބުނެފައިވާގޮތުން އޮފިޝަލުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ޢުމުރުން 18 އަހަރު ފުރިފައިވާ، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާނުކުރާ މީހަކަށް ވާންޖެހޭނެ އެވެ.

މީގެ އިތުރުން އޭނާ އަކީ އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭނު ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އަދި އޮފިޝަލެއްގެ ގޮތުގައި ކުރިމަތިލާ މީހާއަކީ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަތްނބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ވެގެން ނުވާނެ ކަމަށާއި އެ މަގާމަށް ކުރިމަތިލާ ފަރާތަކީ އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރި، އެ މަސައްކަތް ކުރުމަށް ސިއްހީ ގޮތުން ގާބިލު މީހަކަށް ވާންވާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އިންތިހާބުގެ އޮފިޝަލުންނަށް އުޖޫރަދޭނީ ވޯޓުލާ ދުވަހު އެކަންޏެވެ. މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފި ނަމައުޖޫރައިގެ ގޮތުގައި 1500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފި ނަމަ 1200 ރުފިޔާ، އޮފިޝަލުންގެގޮތުގައި ޙަރަކާތްތެރިވާ އެނޫންފަރާތްތަކަށް 1000 ރުފިޔާ އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފި ނަމަ 500 ދޭނެ ކަމަށް އިލެކްޝަންސް ގެ އިއުލާނުގައިވެ އެވެ.

ވޯޓުލާ ދުވަހުގެ ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސާނެ ކަމަށާއި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ކުރިމަތިލާ ފަރާތްތަކުން، ހާއްސަ ޓްރެއިނިންއެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށްވެސް އިލެކްޝަނުން ބުންޏެވެ. ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހު އެވެ.

ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށްއެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން އޮބްޒާވަރު، މޮނިޓަރު، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށައަޅާ ފާސް ދޫކުރެވިއްޖެ ނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެ ކަމަށް އިލެކްޝަނުން ބުންޏެވެ.

އޮފިޝަލަކަށް ވުމުގެ ސުންގަނޑި ހަމަވާނީ މިމަހުގެ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.